ޚަބަރު

ޕެރިސް މާސްޓާސް: ހަމްބާޓް އަތުން ބަލިވެ އަލްކަރާޒް ކަޓައިފި


މިހާރު ކުރިއަށްދާ ޕެރިސް މާސްޓާސްގައި އިއްޔެ ކުޅުނު ގަދަ 16 ގެ ބުރުގެ މެޗުގައި ފްރާންސްގެ އޫގޯ ހަމްބާޓް އަތުން ބަލިވެ، އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ނުގޮސް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ކަޓައިފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން، މި މުބާރާތުގައި ޓެނިހުގެ ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް އަތުން ފްރާންސްގެ ކުޅުންތެރިއަކު މޮޅުވި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސްގެ ޖެރެމީ ޗާޑީ ވަނީ ޑެނީލް މެޑްވެޑޭވް ބަލިކޮށްފައެވެ.

އެންމެ ފަހުގެ ފްރެންޗް އޯޕަން އަދި ވިމްބަލްޑަން ޗެމްޕިއަންކަން ހޯދާފައިވާ އަލްކަރާޒް އަތުން ހަމްބާޓް މޮޅުވީ 2-1 ސެޓުންނެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި އުޅޭ ހަމްބާޓް ވަނީ 26 މިނެޓުގެ ތެރޭގައި 6-1 އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ. އެކަމަކު، ދެން ޖެހިގެން އައި ސެޓުގައި 5-2 އިން ލީޑެއް ނަގައި، ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އުޅޭ އަލްކަރާޒް ވަނީ 6-3 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އެއަށްފަހު ދެން ކުޅެވުނު ތިންވަނަ ސެޓުގައި ހަމްބާޓް ކުރިހޯދީ 7-5 އިންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަލްކަރާޒް ބުނީ، އޫގޯ ހޯދީ ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށާއި، އޭނާގެ ފަރާތުން ރަނގަޅު ޕާފޯމަންސެއް ފެނިގެންދިޔަ ކަމަށެވެ. އަދި، ޕެރިސް މާސްޓާސް ކުޅެމުން އަންނަ ކޯޓުގައި ބޯޅަ ދަތުރުކުރާ އަވަސް ސްޕީޑުގެ ސަބަބުން އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތްނުވި ކަންވެސް އަލްކަރާޒް ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ތިންވަނަ ސީޑް އެލެގްޒެންޑާ ޒްވަރޭވް ވަނީ 6-4، 3-6، އަދި 6-3 އިން ފްރާންސްގެ އާތަރ ފިލްސް ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ޒްވަރޭވް ދެން ކުޅޭ މެޗުގައި ނިކުންނާނީ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސްއާ ދެކޮޅަށެވެ.