ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން ނައްތާލުމަށް ޤާނޫނީގޮތުން ހުރި ގޮންޖެހުންތައް ނައްތާލަން ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުޙައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދަޢުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި އިސްލާހުތައް ފެށޭ ހަފުތާގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާހު ގެނައުމަށް ނިންމަވާފައިވަނީ ޤާނޫނުން ޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ކަމަށެވެ. މިއީ ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށްތައް ކަނޑައަޅާފައިވާ މާއްދާއެވެ.
އެ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް ދަޢުލަތުގެ މުވައްޒަފުންނާއި ދަޢުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް…
— Dr Mohamed Muizzu (@MMuizzu) October 31, 2024
ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަންކަން އިސްލާހުކޮށް އެކަންކަން ހައްލުކުރުމަށް ހުރި ހުރަސްތައް ނައްތާލައްވާނެކަމަށް މީގެކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނާ މުޙާތަބު ކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައިވެސް އެމަނިކުފާނު އަދުލުވެރިވެވަޑައިގަންނަވާނެ ކަމަށާއި ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ވިދާޅުވާނެކަމަށް ވިދާޅުވިއެވެ.