އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރުމަށް ޚާއްސަކޮށްފިއެވެ.
ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ އެކި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލައެވެ. މިމައްސަލައަށް އެދެވޭ ހައްލެއް ގެނައުމުގެ ގޮތުން ބަޖެޓުން ޚާއްސަ އިސްކަމެއް ދެއްވުމަށް ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރުގެ ބަޖެޓް ހުށައަޅާ ދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރުކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައީސުލްޖުމްހޫރިއްޔާގެ މިތަސައްވުރާއި އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަޖެޓުގައި %5 އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް 1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިއަން ރުފިޔާގެ ހައުސިންގ ލޯން ދެވޭނެމަގުވެސް ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން އަންނަ އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު. ގެދުރޮވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާއިއެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޕަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ %50 ކަނޑައަޅާފައިވަނީ ހައުސިންގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށެވެ.