ޚަބަރު

ގުޅިފަޅު ގޯތިތަކުގެ ގުރުއަތާ މެދު ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި


  • އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށައެޅޭނެ

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނެގުމާ ގުޅިގެން އެކަމާ ގުޅޭ ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު މިދިޔަ އަންގާރަ ދުވަހު ވަނީ ގޯތި ލިބުނު ސަރަޙައްދުތައް ކަނޑައެޅުމަށް ގުރުއަތުނަގާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ވަނީ ފޯމު ނަމްބަރާއި ލޮޓް ނަމްބަރާއި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލު ހިމެނޭ ލިސްޓެއް މިއަދު އާންމުކޮށްފައިވާކަމަށެވެ އެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅިފަޅާއި ގިރާވަޅު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީ ސަރުކާރުން އޮތީ ގޯތި ލިބޭ ތަން ކަނޑައަޅައި ގޯތީގެ ރަޖިސްޓްރީވެސް ހަވާލުކޮށްފައެވެ. ނަމަވެސް އެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށްނޫންކަމަށްވާތީ އަލުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ވަނީ އެކުލަވާލާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިގެނައި ބަދަލާއެކު ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެކަމަށެވެ. އަދި ގުޅިފަޅުން ނުހިއްކާ އޮތްތަނުން ގޯތި ލިބުނު މީހުންނަށްވެސް ސަރުކާރުން ލިޔުމެއް ހަވާލު ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅިފަޅުން މިހާރު ދޫކުރަން ނިންމާފައި ވަނީ 3،520 ގޯއްޗެވެ. މީގެ ތެރޭގައި ގިރާވަޅު ފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރަން ލިބުނު ފުރުސަތުގައި އެ ގޯތި ބަދަލުކުރި މީހުން ވެސް ހިމެނެއެވެ.

ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކަން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް އެއްކޮށް ނިމުނީ މިއަހަރުއެވެ. ނަމަވެސް ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.