ޚަބަރު

ސައްޙަ ނޫން ފައިސާއިން މުޢާމަލާތުކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށީ ސަލްވާ، ޢައިޝަތު ޝިޒުނީ އާއި ސ.ހިތަދޫ އަތަމާވިލާ މަޢުޒޫ މުޙައްމަދު

  • ކްރިމިނަލް ކޯޓުންވަނީ އެދެމީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި

ސައްޙަ ނޫން ފައިސާއިން މުޢާމަލާތުކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށީ ސަލްވާ، ޢުމުރުން 25 އަހަރުގެ ޢައިޝަތު ޝިޒުނީއާއި ސ.ހިތަދޫ އަތަމާވިލާ އުމުރުން 29 އަހަރުގެ މަޢުޒޫ މުޙައްމަދުކަމަށެވެ. މިދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެދެމީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހު ހުށައެޅުނު މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދެމީހުން ބަލައިފާސްކުރިއިރު 500 ރުފިޔާގެ ސައްޙަ ނޫން 24 ނޫޓު ފެނިފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަޙުގީގު ކުރަމުންދާކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓްކޮށްފައި ހުންނަ 500 ރުފިޔާގެ ސައްޙަ ނޫން ނޫޓު ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ވިޔަފާރީގެ މުޢާމަލާތްތަކާއި ފައިސާގެ މުޢާމަލާތްކުރުމުގައި ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމާއި ފައިސާ ޕްރިންޓްކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.