ޚަބަރު

3 ވަނަ ކުއާޓަރގައި އެސްޓީއޯއަށް 3.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް


  • މިއީ %3 ކުރިއެރުމެއް

  • ޖުމްލަ ފައިދާއަކީ 592 މިލިޔަން ރުފިޔާ

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 3.6 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މީގެ ކުރީ ކުއާޓާރއާ އަޅާ ބަލައިއިރު %3 ގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ވިދާޅުވީ، އެ ކުންފުނީގެ 3 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުމެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާ އަޅާ ބަލައިއިރު %15 ގެ ކުރިއެރުމެކެވެ.

ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 251 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާ އަޅާ ބަލައި %23 ގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިޔަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާ އަޅާބަލައި %12 ގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުވެފައިވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 156 މިލިޔަން ރުފިޔާ ލިބިފައެވެ.