ޚަބަރު

ތިނަދޫ މިއުޒިއަމް ޕާކް ސެޕްޓެމްބަރުމަހު ނިމޭނެ


ތިނަދޫގައި ހަދާ މިއުޒިއަމް ޕާކުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތްކުރާ ކުންފުނިތަކުން ހާމަކޮށްފިއެވެ. ޒަމާނީ ކޮންސެޕްޓަކަށް ފަރުމާކުރައްވާފައިވާ މިއުޒިއަމް ޕާކުގައި ތަފާތު ބައިތަކެއް ހިމެނެއެވެ. 

ތިނަދޫގައި ސަރުކާރުން ތަރައްޤީކުރައްވާ މިއުޒިއަމް ޕާކުގައި ހިމެނޭ ބައެއްކަމުގައިވާ މިއުޒިއަމްގެ މަސައްކަތް ޖުލައިމަހު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ. މިއުޒިއަމް ހެދުމަށް ފަރުމާކޮށްފައި ވަނީ ތިން ޢިމާރާތް ހިމެނޭ ގޮތަށެވެ. މިއުޒިއަމްގެ ތިން ޢިމާރާތަކީވެސް ބޭރުން ތައްޔާރުކޮށްގެން ރާވާލާގޮތަށް ހަދާ ޢިމާރާތްތަކެކެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސަޢީދު ވިދާޅުވީ، ފެބްރިކޭޝަން މަސައްކަތް ނިމި ބޭރުން ގެންނަ ސާމާނު ލިބޭނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ. ސަޢީދު ވިދާޅުވީ، ބޭރުން ގެންނަ ސާމާނު ލިބުމުގެ ކުރިން އަޅަންޖެހޭ ފައުންޑޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިއުޒިއަމްގެ އެއް ޢިމާރާތުގެ ފައުޑޭޝަން މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ.

މިއުޒިއަމްގެ އިތުރުން އެތަނުގައި އިންޓަރެކްޓިވް ފައުންޓެއިންއަކާއި، ސްޕްލޭޝް ޕެޑެއްވެސް ހެދުމަށް ވަނި ފަރުމާކުރައްވާފައެވެ. މި މަސައްކަތްވެސް ކުރައްވަނީ އެމްޓީސީސީންނެވެ. މި މަސައްކަތް އަންނަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހަށް ނިންމުމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން މިއުޒިއަމް ޕާކުގައި ހިމެނޭ ޕާކުގެ މަސައްކަތް ޙަވާލުކުރައްވާފައިވާ އެމްއާރްޑީސީން ވަނީ މެއި މަހުގެ 28 ވަނަ ދުވަހު އެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ޖުލައިމަހުގެ ތެރޭގައި ނިންމުމަށް އެކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ. ތިނަދޫގައި، ޒަމާނީ ކޮންސެޕްޓަކަށް، އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސްއަކާއެކު ތަރައްޤީކުރައްވާ މިއުޒިއަމް ޕާރކަކީ، ތިނަދޫގެ ތާރީޚާއި ރާއްޖޭގެ ތާރީޚް ރަމްޒުކޮށްދޭގޮތަށް ތަރައްޤީ ކުރައްވާ ތަނެކެވެ. އެތަން ތަރައްޤީކުރައްވަނީ، ހައުސިންގ މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީ އާއި، އެމްޓީސީސީއާއި އެމްއާރްޑީސީ ގުޅިވަޑައިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެ ކުންފުނިތަކުން ސޮއިކުރި މި މަޝްރޫޢަށް، 25 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރައްވައެވެ.