ޚަބަރު

ކޯޕަރޭޓް ކަސްޓަމަރުންނަށް ޚާއްސަ ހަފްލާއެއް ބާއްވައިފި


ބޭންކް އޮފް މޯލްޑިވްސް އިން ކޯޕަރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމާއި ދުނިޔޭގެ ރިއަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭގޮތުން ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މިޙަފްލާ ބާއްވާފައިވަނީ، " ދިވެހިރާއްޖެ: އިންވެސްޓްކުރަން ވަރަށް ރަނގަޅު މަންޒިލެއް" މި ނަމުގައެވެ. މިއީ، ބޭންކުގެ ކޯޕަރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ރާވާފައިވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ޙަފްލާކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މިޙަފްލާގައި ވަނީ، ދިވެހިރާއްޖެއަކީ އިންވެސްޓްކުރަން ވަރަށް ރަނގަޅު މަންޒިލެއްކަން ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ވިޔަފާރީގެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރިވެރިންނާ ޙިއްޞާކޮށްފައެވެ. އަދި ދުނިޔޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ރާއްޖެއަށް ހުރި ފުރުޞަތުތައްވެސް ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލްއިން ދާދި ފަހުން ވަނީ ކޯޕަރޭޓް ބޭންކިންގ ޑިވިޝަނަށް ބަދަލުގެނެސް، ކޯޕަރޭޓް ކަސްޓަމަރުންނަށް ދޭ ޚިދުމަތް ފުޅާކޮށްފައެވެ.

މިދިޔަ އަހަރު ކޯޕަރޭޓްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. ބީ.އެމް.އެލްއިން ދޫކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން ދެބައިކުޅަ އެއްބައި ދޫކޮށްފައިވަނީ، ކޯޕަރޭޓްތަކަށެވެ.