ޚަބަރު

ޞިއްޙީ ޚިދުމަތާއި އިޖްތިމާޢީ ހަމަހަމަކަން ހަރުދަނާކުރަންޖެހޭ: މެޑަމް ސާޖިދާ


  • އެކަމަނާ މިހެން ވިދާޅުވީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި

ޞިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، ތަޢުލީމު ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުންދިނުން ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ދެއްވި ކީނޯޓް ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މެރކް ފައުންޑޭޝަނުން ކުރިއަށްގެންދާ "މޯރ ދޭން އަ މަދަރ" ކެމްޕެއިން ހަރަކާތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ޚައްސާސް ކަމެއް ކަމަށާއި، މިއާއެކުގައިވެސް އަންހެނުންނަކީ މުޖުތަމަޢު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ.

އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، "މޯރ ދޭން އަ މަދަރ" ކެމްޕެއިން ރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، މި ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމަޢުގެ ވިސްނުން ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ މުހިންމު ކަންކަމުގެ މައްޗަށްވެސް އެކަމަނާގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވީ ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވަމުންނެވެ.