ޚަބަރު

މަސްވެރިންގެ ދަފްތަރުގައި 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފި


  • ދަފްތަރު އިފްތިތާހުކުރީ ފެބްރުއަރީ މަހު

  • މިއީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާ މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިހާތަނަށް 305 އުޅަނދެއް މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ މަސްވެރިންގެ ދަފްތަރު އެކުލަވާލެއްވުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖޭން ބޭރުވާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށެވެ.

މިސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.