ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިމިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހުޅުމާލޭ ފޭސް 2 އިން ގޯތި ލިބުނު ހުރިހާ ފަރާތަކަށް ގޯތި ހަވާލުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެޗްޑީސީން ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކުރެވުނު މަސައްކަތުން މިހާރު ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިމިފައިވާކަމަށެވެ. އެގޮތުން 1407 ގޯތި މިހާރުވަނީ ގޯތީގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
މިމަޝްރޫޢުގެ ދަށުން ހުޅުމާލޭ 3 ވަނަ ފިޔަވަހިންވެސް ބިން ދޫކުރުމަށް ކުރީ ސަރުކާރުންވަނީ ނިންމާފައެވެ. އެހެންނަމަވެސް އޭރު 699 ގޯތި ދޫކުރީ ނުހިއްކާއޮތް ސަރަހައްދުންނެވެ. އެހެންކަމުން ފޭސް 3 ހިއްކައިގެން ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ސަރުކާރުންވަނީ މީގެކުރިން ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައި. pic.twitter.com/JOP8ZuWACM
— Ministry of Housing, Land and Urban Development (@MHLUDmv) October 28, 2024
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވެފައިވަނީ، 3 ވަނަ ފިޔަވަހި ހިއްކައިގެން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިކަމަށެވެ.
ހުޅުމާލޭގެ އިތުރުން ގިރާވަރުފަޅުންވެސް 5000 އަށްވުރެ ގިނަ ގޯތި ކުރީ ސަރުކާރުންވަނީ ދީފައެވެ. އެއާއެކު ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ސަރުކާރުންވަނީ ދެއްވާފައެވެ.
މީގެއިތުރުން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން އަންގާރަ ދުވަހު ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން ހެނދުނު 9 އިން ފެށިގެން އެކި ގަޑިތަކަށް ބަހާލައިގެން ގުރުއަތުލުން ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގުރުއަތުލުން ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.