ކުޅިވަރު

ކްރޮއޭޝިއާގެ ފެށުންވެސް ރަނގަޅުކޮށްފި


މިޑްފިލްޑާރ ލޫކާ މޮޑްރިޗް ޖަހައިދިން ހިތްގައިމު ގޯލާއިއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

ޔޫރޯ 2016ގެ ގްރޫޕް ޑީގައި ތުރުކީއާއި ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މޮޑްރިޗް ޖަހައިދިނީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މި ގޯލަކީ ޕެނަލްޓީ އޭރިޔާގެ ބޭރުން މޮޑްރިޗް ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ހުސްފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. ކްރޮއޭޝިޔާގެ ފޯވާޑް އިވާން ޕެއަރރިޝިޗަށް ހުސް ފުރުސަތުތަކެއް މެޗުގައި ލިބުނުއިރު، ތުރުކީގެ ފޯވާޑް އޮޒާން ޓުފާންއަށްވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް މެޗުގައި ލިބި ވަނީ ބޭކާރުވެފައެވެ.

ގްރޫޕް ޑީގައި ކްރޮއޭޝިޔާ ދެން ނިކުންނާނީ ޗެކްރިޕަބްލިކާއި ދެކޮޅަށެވެ. މިރޭގެ މެޗުން ބަލިވި ތުރުކީ ނިކުންނާނީ ސްޕެއިންއާއި ދެކޮޅަށެވެ.