ޚަބަރު

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ ބުދަ ދުވަހުގެ ރެއަށް ފަސްކޮށްފި


  • މި ހަފްލާ ކުރިން ބާއްވަން އޮތީ އަންނަ ހޯމަ ދުވަހު

  • މިއީ ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ ބުދަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.

މި ހަފްލާ ކުރިން ބާއްވާގޮތަށް ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަހުގެ ރެއެވެ. މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް މީޑީއާ ކައުންސިލުން ހުޅުވާލީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިއުން ހިމެނެއެވެ. އަދި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުންވެސް ހިމެނެއެވެ.