ތަޢުލީމު

ޔުނިވަރސިޓީގެ ކެމްޕަސްތައް އަތޮޅުތަކުގައި އިތުރުކުރަނީ


އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނާ ގާތުން، މަތީތަޢުލީމް ފޯރުކޮށްދެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޅުއްވި މައިގަނޑު ފިޔަވަޅަކީ އަތޮޅުތަކުގައި އެ ޔުނިވަރސިޓީގެ ކެމްޕަސްތައް ޤާއިމްކުރެއްވުމެވެ. އެގޮތުން ހަތަރު އަތޮޅެއްގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް މިހާރު ވަނީ ޤާއިމްކުރައްވާފައެވެ. ކެމްޕަސް ޤާއިމްކުރައްވާފައިވާ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ސ. ހިތަދޫ ގދ. ތިނަދޫ އަދި ލ. ގަމެވެ. 

ކެމްޕަސްތައް ޤާއިމްކުރައްވަނީ ހަމައެކަނި އެ ކެމްޕަސް އަޅުއްވާ ރަށްތަކުގެ ދަރިވަރުންނަށް ޚާއްޞަކުރެއްވުމުގެ ބަދަލުގައި އެއަތޮޅުގެ ހުރިހާ ރަށެއްގެ ދަރިވަރުންނަށްވެސް ތަޢުލީމް ޙާޞިލްކުރެވޭ ގޮތަށެވެ. އެގޮތުން ލ. އަތޮޅު ކެމްޕަސް ފިޔަވައި ދެންހުރި ކެމްޕަސްތަކުގައި އެހެން ރަށްރަށުން ދަރިވަރުންނަށް ދިރިއުޅެވޭނެހެން ދަނާލް އަޅުއްވައި، ފަސޭހަ އިންތިޒާމްތައް ހަމަޖައްސަވާފައިވެއެވެ. އަދި ލ. އަތޮޅު ކެމްޕަހުގައިވެސް އެ އަތޮޅުގެ ދަރިވަރުންނަށް އައިސް ތިބެވޭނެ އިންތިޒާމް، ކުރީގެ އެޑިއުކޭޝަންގެ ޢިމާރާތެއްގައި ހަމަޖައްސަވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14657225954129.jpg|ލ އަތޮޅުގައި ހުންނަ ޔުނިވަރސިޓީގެ ކެމްޕަސް

ކެމްޕަސްތަކުގެ އިތުރުން ޔުނިވަރސިޓީގެ އެގާރަ އައުޓްރީޗް ސެންޓަރު އަތޮޅުތެރޭގެ އެކި ރަށްރަށުގައި ޤާއިމްކުރައްވާފައިވެއެވެ. އައުޓްރީޗް ސެންޓަރަކީ ރަށު ކައުންސިލް ނުވަތަ ސްކޫލްފަދަ މުއައްސަސާތަކާއި، ޤައުމީ ޔުނިވަރސިޓީއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ޤާއިމްކުރައްވާ ސެންޓަރުތަކެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ އަތޮޅުތެރޭގައި ކޯސްތައް ހިންގެވުމަށް އޮތް އެންމެ ބޮޑު ދަށްޗަކީ އަތޮޅުތެރޭގައި ދިރިއުޅުއްވާ ލެކްޗަރާއިން ލިބިވަޑައިގަތުން ދަތިވުންކަމަށެވެ.

އަތޮޅުތެރޭގައި މައިގަނޑު ގޮތެއްގައި ހިންގަވަނީ މުދައްރިސުންނާއި ނަރުހުން ތަމްރީންކުރުމުގެ ކޯސްތަކެވެ. އަދި އައިޓީ ދާއިރާއާއި ވިޔަފާރީގެ ދާއިރާގެ ކޯސްތައްވެސް މިހާރު ދަނީ ހިންގަވަމުންނެވެ. މި ދާއިރާގެ ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް އަތޮޅުތެރޭގައި ޤައުމީ ޔުނިވަރސިޓީން ހިންގަވައެވެ. 

ތަޢުލީމީ ދާއިރާއިން މާސްޓަރސް ފެންވަރުގެ ކޯސްވެސް މިހާރު އަތޮޅުތަކުގެ އައުޓްރީޗް ސެންޓަރުތަކުގައި ގެންދަވަނީ ހިންގަވަމުންނެވެ.