ޚަބަރު

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރުމަށް އައު އީޖާދުތައް މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު ޝިޔާމް


ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އައު އިޖާދުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ޝިންޑާއޯގައި ކުރިއަށްދިޔަ ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމުގައި ދެއްވި ތަޤުރީރުގައެވެ.

ޗައިނާގެ ޝިންޑާއޯގައި އޮކްޓޫބަރުމަހުގެ 24 އިން 25 އަށް ކުރިއަށްދިޔަ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، މި ފޯރަމުގެ މަޤްޞަދަކީ ކަނޑުގެ ވަސީލަތްތަކުގެ ދެމެހެއްޓެނިކަން ކަށަވަރު ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށްވާއިރު، މިކަމަކީ މިއީ ރާއްޖެއަށް ހާސިލްކުރަން އޮތް ލަނޑުދަނޑިއަކަށްވުރެ ބޮޑަށް މިހާރު ކުރަން މަޖުބޫރުވެފައިވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަހާއި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ރާއްޖެފަދަ ޤައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރާއި، މަސްވެރިކަމުގެ ނުރަނގަޅު އަދާތަކުގެ ސަބަބުން އެ ސިނާޢަތަށް ބަރޯސާވާ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހި ރާއްޖެއިން މަސްވެރިކަމުގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފް ކަންކަމާއި ދުރުހެލިވެ، ދެމެެހެއްޓެނި މަސްވެރިކަމުގެ އާދަތައް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް މިފަދަ ގޮންޖެހުންތައް ހައްލު ކުރުމަކީ ރާއްޖެއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކަންކަން ހައްލު ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ޤައުމުތަކުން ކަނޑައަޅަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއާއެކު މަސްވެރިކަމުގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމުގައި އައު އީޖާދުތައް މުހިންމު ދައުރެއް އަދާކުރާކަމަށާއި ކަނޑުމަތީގައި ހިންގާ މަސްވެރިކަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ޑޭޓާތައް ބޭނުންކޮށްގެން ސިޔާސަތުތައް ކަނޑައެޅުމުގެ މުހިންމުކަމުގެއ މައްވަށް މަސްވެރިކަމާބެހޭ ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޗައިނާގައި ކުރިއަށްގެންދާ ފޯރަމުގައި މަސްވެރިކަމާއި ބެހޭ ވަޒީރު ވަނީ ޗައިނާއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދައިރާއިން ގުޅުން ބަދަހިކުރުމާށް މަޝްވަރާ ކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ މަޝްވަރާތައް ތަންފީޒު ކުރުމަށް މިހާރު ޢަމަލީ މަސައްކަތް ކުރެވޭކަން މަސްވެރިކަމާއި ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން މެރިކަލްޗަރ ދައިރާއިންނާއި މަސްވެރިކަމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތަށްވެސް އިންވެސްޓް ކުރުމުގެ ފުރުޞަތު އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝިންޑާއޯގައި އޮކްޓޫބަރުމަހުގެ 24 އިން 25 އަށް ކުރިއަށްދިޔަ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްއަކީ ނޫ އިޤްތިޞާދުގެ ރޮނގުން ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމެކެވެ.