ގދ. ތިނަދޫގައި އަޅުއްވާ ހައުސިންގ ޔުނިޓްތަކަށް އެދި މިހާތަނަށް ސަތޭކައަށްވުރެ ގިނަ ފޯމް ހުށައަޅާފައިވާކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ތިނަދޫގައި ސަރުކާރުން އަޅުއްވާ 120 ފްލެޓްގެ ތެރެއިން އަށްޑިހަ ފްލެޓް ޚާއްސަކުރައްވާފައި ވަނީ ތިނަދޫގެ ރަށްވެހިންނަށެވެ.
ފަންސަވީސް ފުލެޓް އެރަށަށް ހިޖުރަކުރާ މީހުންނަށް ޚާއްސަކުރައްވާފައިވާއިރު ބާކީ ފަނަރަ ފުލެޓް ވިއްކަވާގޮތަށްވަނީ ހަމަޖައްސަވާފައެވެ. މިމަހުގެ އެއްވަނަ ދުވަހުންފެށިގެން މިމަހުގެ ތިރީސް ވަނަ ދުވަހާއި ހަމައަށް މި ފްލެޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައްވާފައިވާއިރު އާންމުންގެ ފަރާތުން މިކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވިއެވެ.
އެރަށު ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް އަސްއަދު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި މިއަހަރުގެ އޮގަސްޓްމަހުގެ ބާވީހުގެ ކުރިން ފްލެޓް ތަކުގެ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.