ޚަބަރު

މިސްޓަރ މޯލްޑިވްސް 2024 ގެ މަގާމު ނަހްޔާނަށް


ރާއްޖޭގެ ބޮޑީބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ މިސްޓަރ މޯލްޑިވްސް 2024 ގެ މަގާމު މުޙައްމަދު ނަހްޔާން ހޯދައިފިއެވެ.

ފޯޖް ޖިމްގެ ފަރާތުން ވާދަކުރި ނަހްޔާން މި މަގާމު ހޯދާފައިވަނީ އެ ކެޓަގަރީގައި ވާދަކުރި ޝާހީން އިބްރާހީމް ދީދީއާ ވާދަކޮށްގެންނެވެ. މިދިޔަ އަހަރު މި މަގާމު ހާސިލުކޮށްފައިވަނީ މުޙައްމަދު ޔާމީނެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި އޭނާ ވާދައެއް ނުކުރެއެވެ.

މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި އެންމެ ވާދަވެރި އިވެންޓުތަކުގެ ތެރެއިން އެތުލެޓިކް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަބްދުﷲ އަހުސަނެވެ. އަދ ސްޕޯޓްސް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ޖިމްގެ އަޒްނީން ރަޝާދެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ފަސްވަނަ އަހަރެވެ.

ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރި މިއަހަރުގެ މިސްޓަ މޯލްޑިވްސްގެ ޓީމް ޗެމްޕިއަންޝިޕުގެ އެއްވަނަ ހޯދާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ދިވެހި ސިފައިންގެ ކުލަބެވެ. ބޮޑީބިލްޑިން އަޕްޓު 85 ކިލޯގްރާމް ކެޓަގަރީގެ އެއްވަނަ ފޯޖް ޖިމްގެ މުޙައްމަދު ނަހްޔާން ހާން ހޯދިއިރު، އެތުލެޓިކް ފިޒީކް އަޕްޓު 180 ސެންޓިމީޓަރ ގެ އެއްވަނަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހުޒާމް ހަމީދެވެ.

އެތުލެޓިކް ފިޒީކް އަޕްޓު 175 ސެންޓިމީޓަރ ގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބުގެ އަބްދުﷲ އަހުސަން ހޯދިއިރު ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރގެ އެއްވްަނަ ހޯދާފައިވަނީ އެކްސްޓްރީމް ފިޓްނަސްގެ މުހައްމަދު ފަޒްލީނެވެ.

މީގެއިތުރުން ބޮޑީބީލްޑިން އަޕްޓު 65 ކިލޯގްރާމްގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބުގެ މަނާފް ވަހީދު ހޯދިއިރު ބޮޑީބިލްޑިން މާސްޓާސް 40 އަހަރުން މަތީގެ އޯޕަން ކެޓަގަރީގެ އެއްވަނަ ހާސިލްކޮށްފައިވަނީ ފިޓްކޯންގެ ޝާހީން އިބްރާހީމް ދީދީއެވެ.

ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރގެ އެއްވަނަ މަގާމުޔ ޕޮލިސް ޖިމްގެ އަޒްނީން ރަޝާދު ހޯދިއިރު، އެތުލެޓިކް ފިޒީކް އަޕްޓު 160 ސެންޓިމީޓަރގެ އެއްވަނަ ހޯދާފައިވަނީ ޕަވާ ބައި ޖިމްނޭޒިއަމްގެ ޝާލު އިބްރާހީމެވެ. އަދި ޖޫނިއާ ކެޓަގަރީތަކުގެ ތެރެއިން ސްޕޯޓްސް ފިޒީކްގެ އޯޕަން ކެޓަގަރީން އެއްވަނަ ޕޮލިސް ކުލަބުގެ ހުސެއިން ރާހިލް ސާދިގު ހޯދިއިރު ޖޫނިއާ އޯޕަން ބައިގެ އެއްވަނަ ހޯދާފައިވަނީ އެކްސްޓްރީމް ފިޓްނަސްގެ ޔޫސުފް އަޔާން ރިޒްވީއެވެ.