ޚަބަރު

ރަންވޭ ބޮޑުކުރުމަށްފަހު މާފަރު އެއަރޕޯޓު ބައިނަލްއަޤްވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފި


  • މާފަރު އެއަަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ މެދުގައި މަޤްބޫލު އެއަރޕޯޓެއް

  • ރަންވޭގެ ދިގުމިން 2800 މީޓަރަށްވަނީ ބޮޑުކޮށްފައި

  • އޭޕްރަން ބޮޑުކުރުމުގެ މަސައްކަތްދަނީ ކުރަމުން

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ބޮޑުކުރުމުގެ މަސައްކަތަށްފަހު ބައިނަލްއަޤްވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފިއެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު، އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މިއާއެކު މާފަރު އެއަަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ ޖެއްސުމުގެ މަޤްބޫލު އެއަރޕޯޓެކެވެ. މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ނ، ރ އަދި ބ އަތޮޅުގައި ހިންގަމުންދާއިރު، އެ ރިސޯޓުތަކަށް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ބޭނުންކުރަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެކެވެ.

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބައިނަލްއަޤްވާމީ ދަތުރުތައް މެދުކަނޑާލީ މިދިޔަ މެއިމަހުގެތެރޭގައެވެ. އަދި މިހާރު އަލުން އެއަރޕޯޓު ބައިނަލްއަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލާފައިވާއިރު، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ވިދާޅުވީ ޖަނަވަރީ 10ވަނަ ދުވަހާއި ހަމައަށް 100 ޕްރައިވެޓު ޖެޓު ޖައްސާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މާފަރު އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭގެ ދިގުމިން 2800 މީޓަރަށްވަނީ ބޮޑުކޮށްފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުވެސް ދަނީ ކުރިއަށެވެ.

މިދިޔަ އޮގަސްޓުމަހުގެތެރޭގައި އައިލެންޑު އޭވިއޭޝަނުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަސައްކަތް އަންނަމަހުގެތެރޭގައި ނިމޭނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ވިދާޅުވެއެވެ. މިއާއެކު އެއްފަހަރާއި 26 ޖެޓު ޕާކުކުރެވޭނެއެވެ. މިހާރު މާފަރު އެއަރޕޯޓުގައި ޕާކުކުރެވެނީ 13 ޖެޓެވެ.

މީގެއިތުރުން އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެދަށުން 2 ޓެކްސީވޭ ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
އައިލެންޑު އޭވިއޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުތެރޭ އެ އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވާއިރު މިއީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް ވަނީ އެތެރެވެފައެވެ. އަދި 2082 ފަތުރުވެރިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ.