ޚަބަރު

އީޔޫއިން ބޭރުވެއްޖެނަމަ ޕެންޝަނާއި ޞިއްޙީ ކަންކަމަށް ބުރޫ އަރާނެ


ވިލާތުގެ އިއްތިޙާދުން ބޭރުވުމަށް އިނގިރޭސި ރައްޔިތުން ވޯޓު ދީފިނަމަ އިނގިރޭސި ދައުލަތުން ރައްޔިތުންނަށްދޭ ޕެންޝަނާއި ހިލޭ ދޭ ސިއްޙީ ޚިދްމަތްތަކުގެ ތެރެއިން ބައެއް ކަނޑާލަން ޖެހިދާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ. 

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ ދި އޮބްޒާވަރ އަށް ދެއްވި ބަސްދީގަތުމެއްގައި ކެމަރަން ވިދާޅުވީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ބޭރުވެއްޖެނަމަ އިނގިރޭސި ދައުލަތަށް ލިބޭ އާމްދަނީ ވަރަށްބޮޑަށް މަދުވެގެންދާނެ ކަމަށާ މިފަދަ ހާލަތެއްގައި ދައުލަތުން ރައްޔިތުންނަށް މިހާރު ދޭ މިންވަރަށް ޕެންޝަނާއި ހިލޭ ސިއްޙީ ޚިދްމަތްތައް ދެވެން ނޯންނާނެކަމަށެވެ. އެހެންކަމުން ވިލާތުގެ އިއްތިޙާދުން ބޭރުވާންޖެހިއްޖެ ޙާލަތެއްގައި މިފަދަ ޚިދްމަތްތަކުގެ ތެރެއިން ބައެއް ކަނޑާލައިގެން ނޫނީ އިނގިރޭސި ދައުލަތަށް ލިބޭ އާމްދަނީ ދެކޮޅު ޖެއްސޭނެ ގޮތެއްނޯންނާނެ ކަމަށް ޑޭވިޑް ކެމަރަން ވިދާޅުވިއެވެ.

ކެމަރަންގެ މި ބަޔާނަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ބޭރުވުމަށް ތާއީދުކުރާ އިނގިރޭސި ރައްޔިތުންނަށް ދެއްވި އިންޒާރެއްކަމަށް މުރާސިލުން ސިފަކުރެއެވެ.