ޚަބަރު

ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އަންނަ އަހަރު އެމްއެމްޕީއާރްސީން ޚާއްސަ ސިމްޕޯޒިއަމެއް


  • މި ސިމްޕޯޒިއަމް ބާއްވާނީ އަންނަ އަހަރުގެ ފުރަތަމަ ނޫނީ ދެވަނަ ކުއާޓާގައި

  • މި ސިމްޕޯޒިމްގައި އައްޑޫ ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ފަރާތްތައް ބައިވެރިވާނެ

ދެކުނުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން އަންނަ އަހަރު އެމްއެމްޕީއާރްސީން ޚާއްސަ ސިމްޕޯޒިއަމެއް ބާއްވާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ، އައްޑޫ ފަތުރުވެރިކަމުގެ ބްރޭންޑް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫ ކެނެރީފް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުންކުރާނެ ބްރޭންޑިންގް ވަނީ އިފްތިތާޙްކޮށްފައެވެ. މި ބްރޭންޑް އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލްއެވެ. މި ބްރޭންޑިންގް ދަށުން ކުރިއަށް އޮތް ތަނުގައި އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭއިރު، އެކަމަށް ހާއްސަ ވެބްސައިޓެއްވެސް ވަނީ މިރަސްމިއްޔާތުގެ ތެރެއިން ލޯންޗު ކުރެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައިވާ ނުވާ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. ވަޒީރު ފައިސަލް ވިދާޅުވީ، މިވަގުތު އެފަދަ ސަރަހައްދުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ މައްސަލައިގެ އިތުރުން، ފަތުރުވެރިކަމުން ނަގާ ބޮޑެތި ޓެކްސްތަކާއެކު މަސައްކަތް ފެށުމަށް ހުރި ދަތިތައް ކަމަށެވެ.

ފައިޞަލް ވިދާޅުވީ މިފަދަ ސަރަހައްދުތަގައި ފަތުރުވެރިކަން ތަރައްޤީ ކުރާއިރު އެތަންތަނުގައި ހުރި ފުރުޞަތުތަކަށް ޒުވާނުން އަހުލުވެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރުމަށް އިސްކަންދީގެން ސަރުކާރުން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ދެކުނުގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ އެކަމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްއެމްޕީއާރްސީ އިސްވެ އޮވެ ފަތުރުވެރިކަމުގެ ހާއްސަ ސިމްޕޯޒިއަމެއް ބާއްވަން ނިންމާފައިވާކަމަށް ވަޒީރު ފަތުރުވެރިކަމާއިބ ބެހޭ ވަޒީރު ވިދާޅުވިއެވެ. މިގޮތުން ބާއްވާ ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ޗައިނާ އަދި އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނަށް ދައުވަތު ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި ސިމްޕޯޒިއަމްގައި ދެކުނުގެ 4 އަތޮޅުގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެ ކަމަށް ވަޒީރުވިއެވެ.

"
މިގޮތަށް މަސައްކަތްތަކެއް ކޮށްގެން ނޫނީ ވަރަށް އުނދަގޫކަމެއް މިއީ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިމަސައްކަތް ވެގެންދާނީ ވަރަށް މުހިންމު މަސައްކަތަކަށޭ. މިގޮތަށް އެއްދުވަހުގެ ނުނީ ދެދުވަހުގެ ސެޝަނެއް ކުރިއަށް ގެންދެވިއްޖެއިއްޔާ ވަރަށް ބޮޑަށް ނެޓްވޯކް ބިލްޑް ކުރެވިގެންދާނެ. އެއީ އައްޑޫ ޓުއަރިޒަމް ތަރައްޤީ ކުރަން އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ. އެ މަސައްކަތް އަންނަ އަހަރު ފުރަތަމަ ނޫނީ ދެވަނަ ކުއާޓާ ތެރޭގައި ކޮށް ދެއް ހުރި އަތޮޅުތަކުގައިވެސް އެކަން ކުރާނަން
ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

އައްޑޫ އަދި ފުވައްމުލަކުގައި ޓޫރިސްޓު އެނދުތައް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ފައިސަލް ވިދާޅުވީ އެމަސައްކަތްތައް ކާމިޔާބުވެއްޖެ ނަމަ އައްޑޫ އެއާޕޯޓުގެ ބޭނުން ފުރިހަމައަށް ހިފޭނެ ކަމަށެވެ. އޭގެ ސަބަބުން ދެކުނު ސަރަޙައްދަށް ފަތުރުވެރިން ފުޅާކުރުމަށް ބޭނުންވާ އޮޕަރޭޝަންތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކަން ކުރުމަށް އައްޑޫ ފުވައްމުލަކު ސިޓީ އަދި ހުވަދު އަތޮޅުގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން 'އައްސޭރި ޓުއަރިޒަމް' މަޝްރޫޢު ދަށުން އައްޑޫގައި 6000 އެނދު ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.