ޚަބަރު

ޕޮލިސް ބަލިކޮށް ވެމްކޯއިން ގައުމީ ތަށި މިލްކުކޮށްފި


ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކޮށް، ކުލަބު ވެމްކޯއިން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުން ވެމްކޯ މޮޅުވިއިރު، މި މުބާރާތުގެ ސެމީގައި ވެމްކޯއިން ވަނީ ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްފައެވެ. އެކަމަކު މި ފަހުން ނިމުނު ގައުމީ ވޮލީ ލީގުގެ ފަހު މެޗުގައި ވެމްކޯއަށް ޕޮލިސް ބަލިކުރެވުނީ ފަސް ސެޓަށް ކުޅެ ތިން ސެޓުން ދެ ސެޓުންނެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓު ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ 25-23 އަދި 25-23 އިންނެވެ. އެކަމަކު ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ތިންވަނަ ސެޓު 25-12 އިން ގެންގޮސްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ޕޮލިސް ކުލަބުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ވެމްކޯއިން ވަނީ 25-16 އިން ކާމިޔާބުކޮށް، މުބާރާތުގެ ތަށި މިލްކުކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ވެމްކޯގެ ކެޕްޓަން އައިޝަތު މާޖިދާ އާއި، ފާތިމަތު ޖޫޒާން ޒަރީރުގެ އިތުރުން ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުގެ އައިޝަތު ނަސްމާ އަޙްމަދެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ވެމްކޯގެ ކޯޗު އަޙްމަދު އަދީލެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ވެމްކޯއިން މިލްކުކުރިއިރު، އެ ޓީމުން މިދިޔަ އަހަރުގެ ޑިސެމްބަރު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ތަށިވެސް މިލްކުކޮށްފިއެވެ.