ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 4 މެންބަރުން ޢައްޔަނުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން ޢައްޔަނުކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަނުކުރައްވާފައިވާ 4 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަތަރު މެންބަރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަނުކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 13 ބޭފުޅަކު ކުރިމަތިލިއެވެ. އެ މަގާމުތަކަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ކޮމެޓީން ނަންތައް ދިރާސާކޮށް އިންޓަވިއުކުރުމަށްފަހު މަޖިލީހުގެ ޖަލްސާގައި ވަނީ ކުރިމަތިލެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް ވަކިވަކިން ވޯޓަށް އަހާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަނުކުރައްވާފައިވާ 4 މެންބަރުން

ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
އިބްރާހީމް ޝަރީފް، ގ. އަލިޝާ
އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މަޖިލީހުން އެގޮތަށް ސަރުކާރަށް ލަފާ ދެއްވުމުންނެވެ. މަޖިލީހުން އެގޮތަށް ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ސިޓީއަކާ ގުޅިގެން ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ މައްސަލަ ބެލި ބެލުމުން، އެ އިދާރާއިން، ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ކޮށްފައިހުރިކަން ފާހަގަކުރެވިފައިވާކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިހުރިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޓްރައިބިއުނަލްގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިހުރިކަން ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމަވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރީ އެ ޓްރައިބިއުނަލްގެ ރައީސް މުޙައްމަދު މުނައްވަރު އަލީއާއި، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލާއި، މެންބަރު ޚަދީޖާ ނައީމް އަދި އަހުމަދު އަޝްރަފެވެ.