ޚަބަރު

ވިލުންތެރިކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އެކުގައި މަސައްކަތްކުރަންޖެހޭ: ޚާރިޖީ ވަޒީރު


  • ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި

  • މިއީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައިި ބޭއްވި ބައްދަލުވުމެއް

ވިލުންތެރިކަން އިތުރުކޮށް, މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައިި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަޒީރު ޑރ.ޚަލީލް ދެއްކެވި ވާހަކަފުޅުގައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކޮށް، ވިލުނުވެރި މުޖުތަމަޢުތަކާއި ޑިމޮކްރަސީގެ އުޞޫލުތައް ނެގެހެއްޓުމާއި، ވިލުންތެރި އިޤްތިޞާދުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ މެއިމަހު ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރެވުނު "އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (އަބާސް)" ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާރިޖީ ވަޒީރު ގޮވާލެއްވިއެވެ. އަދި ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ޑިމޮކްރަޓިކް އުޞޫލުތައް ނަގަހައްޓައި، ނާޒުކު ޤައުމުތައް ހިމާޔަތްކުރުމަށް ބޭނުންވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެކި ރޮނގުތަކުން ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް, ކޮމަންވެލްތުގެ އުޞޫލުތައް ރާއްޖެއިން ނަގަހައްޓާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.