ޚަބަރު

ރޭންކިން މެޗުގައި ތަޖިކިސްތާން ބަލިކޮށް ރާއްޖެއަށް ފަސްވަނަ


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ރޭންކިން މެޗުގައި ތަޖިކިސްތާން ބަލިކޮށް، ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފަސްވަނަ ހޯދައިފިއެވެ.

އުޒްބެކިސްތާނުގެ ޓަޝްކެންޓުގައި ކުރިއަށްދާ މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ތަޖިކިސްތާނާއި، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.

މި މުބާރާތުގައި މިއަދު ކުޅުނު ރޭންކިން މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު 25-17 އަދި 25-16 އިން ރާއްޖެއިން ގެންދިޔަ ނަމަވެސް، ތަޖިިކިސްތާނުން ވަނީ ތިންވަނަ ސެޓު 25-23 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ހަތަރުވަނަ ސެޓު 25-22 އިން ކާމިޔާބުކޮށްފައެވެ.

މި މެޗުން ރާއްޖެ މޮޅުވިއިރު، ލީގު ބުރުގައި ރާއްޖެއަށް މޮޅެއް ލިބުނީވެސް ތަޖިކިސްތާން އަތުން އެކަންޏެވެ. އެގޮތުން އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗުންވެސް ރާއްޖެ މޮޅުވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. އެކަމަކު އޭގެ ކުރިން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާއިރު، ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި، އެހެން ހުރިހާ މެޗަކުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.