ޚަބަރު

ރާއްޖޭގެ ޒުވާން ޓީމު ކޮޅަށް ކޮރެއާއިން 13 ލަނޑު ޖަހައިފި


އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ދެކުނު ކޮރެއާއިން 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށްފިއެވެ.

ޗައިނާގެ ޑާލިއާން ޔޫތު ފުޓްބޯލް ޓްރެއިނިން ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗާ ރާއްޖެ ކުރިމަތިލާފައިވަނީ އަނިޔާގެ ގިނަ މައްސަލަތަކާއެކުއެވެ. އެގޮތުން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން މުޙައްމަދު އިލާން އިމްރާނާއި ޔޫސުފް އަޔާން އާމިރަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނުއިރު، މެޗުގެ ކުރިން ކުރިއަށްގެންދިޔަ ވޯމްއަޕްގައި ޓީމުގެ އެއްވަނަ ގޯލްކީޕަރު އިދާން އިސްމާޢީލް އަޝްރަފްގެ ކަކުލަށް އަނިޔާވެ، އޭނާވެސް ބޭނުންކޮށްފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެކުނު ކޮރެއާއިން ފަސް ލަނޑު ޖެހިއިރު، އަނެއް އަށް ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ.

މި ފަހަރު ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ސަރަހައްދުގެ ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައެވެ. އެގޮތުން ގްރޫޕް ސީގައި ރާއްޖެ ހިމެނޭއިރު، އޭޝިއާ ސަރަހައްދުގެ ވަރުގަދަ ދެ ބާރު ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާނާއި ބަހްރެއިންއެވެ.

ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވި ނަމަވެސް، މީގެ ކުރިން ރާއްޖެއިން ކުޅުނު ދެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ރާއްޖެއިން ވަނީ 2-2 ގެ ނަތީޖާއަކުން ބޫޓާނާ އެއްވަރުކުރުގެ އިތުރުން، ބަހްރއިން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެެވެ. ގްރޫޕް ފިޔަވަހީގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ކޮރެއާ އާއި ދެވަނައިގައި އޮތް ޗައިނާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަހްރެއިނަށް ވަނީ ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ބޫޓާނާއި ފަސްވަނައިގައި އޮތް ރާއްޖެއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ކޮލިފައިން ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ.