ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު 1200 ޑޮލަރު ނެގޭ ގޮތަށް ލިމިޓް ބޮޑުކުރަނީ


  • މިހާރު މަހަކު ނެގެނީ 750 ޑޮލަރު

އަންނަމަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ޑޮލަރު ނެގޭ މިންވަރު 1200 ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް ކާޑު މެދުވެރިކޮށް ޑޮލަރު ނެގޭ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ބަދަލާއެކު ލިމިޓް 750 ޑޮލަރުން 1200 ޑޮލަރަށް ބަދަލުވާނެއެވެ.

ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް ބޭންކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް މި ނިންމެވުން ނިންމެވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާތީ އެހީތެރިވުމުގެ ގޮތުންކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި ބަދަލާއެކު އައު ލިމިޓަށް ބަދަލުވާން ބޭނުންވާ ދަރިވަރުން އެކަމާއި ގުޅޭ ލިޔެކިއުންތަކާއިއެކު ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން އެކަން ހަމަޖެހޭނޭކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރަމުންދާނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.