ޚަބަރު

ޚަރަދު ކުޑަކުރުމުގެ ގޮތުން ރައީސްގެ މުސާރައިން ދެބައިކުޅަ އެއްބައި ކުޑަކުރެއްވުމަށް ނިންމަވައިފި


  • ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 1 ލައްކަ ރުފިޔާ

  • ރައީސްގެ ނިންމެވުމާއެކު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ މުސާރައިގެ ދެބައި ކުޅަ އެއްބައި

ޚަރަދު ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން ދެބައިކުޅަ އެއްބައި ކުޑަކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށެވެ. މީގެއިތުރުމްވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 100000 ރުފިޔާއެވެ.

ސަރުކާރުން އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިން ދެބައި ކުޅަ އެއްބައި ނުނެންގުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނަންގަވާ މުސާރަ ކުޑަކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ބައެއް ފިޔަވަޅުތައް އަޅުއްވާފައެވެ. އެގޮތުން ރަސްމީ ދަތުރުފުޅުތަކުގައި ފަސްޓް ކަލާހުގެ ބަދަލުގައި ބިޒްނަސް ކްލާހުން ދަތުރުފުޅު ކުރެއްވުން ހިމެނެއެވެ. އަދި ރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލްތައްވެސް އެމަނިކުފާނު ދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް ހާމަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު، ހުވާކުރެއްވުމާއި ހަމައަށް އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވާ ދުވަސްތަކަށް ހިނގާ ޚަރަދުތައް ދައުލަތުން ހަމަޖައްސަން ޤާނޫނުގައި އޮތްނަަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ އެ ޚަރަދުތަކަށް އަމިއްލަފުޅަށް ޒިންމާވެވަޑައިގެންނަފައެވެ.

ސަރުކާރުގެ ޚަރުދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާއިރު، ސިވިލް ސާވިސް ފިޔަވާ ދައުލުތުގެ ހުރިހާ ދިމާލަކުން މުސާރައިން 10 އިންސައްތަ ކުޑަކުރުމަށް ހުށަހެޅުއްވުމަށް އެމަނިކުފާނުގެ ވަނީ ނިންމަވާފައެވެ.