ޚަބަރު

ބީސީސީގެ އަމާޒަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކާ ހަމައަށް ފޯރުކޮށްދިނުން


  • ސަރުކާރުން ދަނީ ދަނޑުވެރިންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން

ބީސީސީގެ އަމާޒަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ދުނިޔޭގެ އެކި ޤައުމުތަކުގެ ބާޒާރުތަކާއި ހަމައަށްވެސް ފޯރުކޮށްދިނުންކަމަށް އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރ މިހެން ވިދާޅުވީ އއ. ތޮއްޑޫގައި ބީސީސީގެ ފަރާތުން "އިހުރު ބާޒާރު" ނަމުގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމާއި ގުޅިގެން ދެއްވި ބަސްތީގަތުމެއްގައެވެ.

"އިހުރު ބާޒާރު"ގެ ނަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އއ.ތޮއްޑޫގައި ހުޅުވި މާރުކޭޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ދުރުރާސްތާ ވިސްނުމުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަކީ އާންމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ބަލައިގަންނަ، ފެންވަރު ރަނގަޅު އުފެއްދުންތަކަށް ހެދުމަކީވެސް އަމާޒެއްކަމަށް ޟިޔާއު ވިދާޅުވިއެވެ.

ބީސީސީން ވިދާޅުވީ، "އިހުރު ބާޒާރު" ތަރައްޤީކޮށްފައިވަނީ ތޮއްޑޫއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ރަށެއްކަށްވުމާއެކު އެކަމަށްވެސް ވިސްނައިގެން ކަމަށެވެ. އެގޮތުން ތޮއްޑޫ ރައްޔިތުންނާއި އެރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މި މާރުކޭޓުން ތޮއްޑޫ އުފެއްދުންތައް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން، ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުތަކާއި ހަމައަށް ދިއުމުގެ ކުރިން އޭގެ މަޤްބޫލުކަން އިތުރުކުރެވޭނެކަން ޟިޔާއު ފާހަގަކުރެއްވިއެވެ.

"ހަޤީޤަތުގައި މިހުޅުވުނު އިހުރު ބާޒާރާއެކު މި ހުޅުވުނީ ފަހި ފުރުސަތުތަކެއް. މިއީ ފުރަތަމަ ފެށުމެއް. ދެން އަޅުގަނޑުމެން މަސައްކަތް ކުރާނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މިފަދަ ބާޒާރުތައް ހުޅުވަން. އެއާއެކު އަޅުގަނޑުމެންގެ ޓާގެޓަށް ދާން ފަހި ފުރުސަތުތަކެއް ލިބޭނެ. އަޅުގަނޑުމެންގެ އުއްމީދަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދިވެހި ދަނޑުވެރިން އުފައްދާ އުފެއްދުންތައް ފެނިގެން ދިއުން" ބީސީސީގެ އެމްޑީ ޟިޔާއު ވިދާޅުވިއެވެ.

ތޮއްޑޫގައި ހުޅުވި "އިހުރު ބާޒާރު"އަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަކޮށްގެން ރާއްޖޭގެ ރަށެއްގައި ބީސީސީން ހުޅުވި ފުރަތަމަ މާރުކޭޓެވެ. ޔޫ.އެން.ޑީ.ޕީއާއި ޖަޕާން ސަރުކާރުގެ އެހީގައި ހުޅުވި މި މާރުކޭޓުގައި ތޮއްޑޫގައި ދަނޑުވެރިކަންކުރާ ފަރާތްތަކަށް ވިޔަފާރި އުސޫލުން 10 ކިއޮސްކު ދޫކޮށްފައިވެއެވެ. މިއިން ކޮންމެ ކިއޮސްކެއްގައިވެސް ތޮއްޑޫގެ ދަނޑުވެރިން ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން އަގު އެއްކުރި ބާވަތްތައްވެސް ވިއްކަން ހުންނާނެއެވެ.

މިމާރުކޭޓުގައި ކިއޮސްކްތައް ނަގާފައިވާ ދަނޑުވެރިން ވަނީ މިއީ ތޮއްޑޫގެ ދަންޑުވެރިންނަށް ލިބިގެން ދިޔަ ފަހި ފުރުސަތެއްކަން ފާހަގަކޮށްފައެވެ. އަދި މިމާރުކޭޓުގެ ސަބަބުން ތޮއްޑޫގެ އުފެއްދުންތައް ފަތުރުވެރިންނަށް ދައްކާލަން ފުރުސަތު ލިބިގެންދާ ކަމަށް ދަނޑުވެރިން ފާހަގަކުރެއެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ އެއްތަނަކުން ހުރިހާ އެއްޗެއް ވިއްކަން ޖާގައެއް ލިބުނީމަ. ފަތުރުވެރިންނަށްވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ވިއްކުމަށް މިއީ ލިބިގެން ދިޔަ ފުރުސަތެއް " މިތަނުގައި ގޮޅި ހިންގާ ފަރާތެއް ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން، އެކި ދާއިރާތަކުގެ ވިޔަފާރިތައް ކުރިއަރުވައި ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަށް ބީސީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހި ރާއްޖޭގެ ކާބޯތަކެތީގެ ރަށްކާތެރިކަން ކަށަވަރުކޮށް ދިވެހިންނަށް ބޭނުންވާ މިންވަރަށް ދިވެހި ދަނޑުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގައި ހެދޭ ފާހަގަކުރެވޭ ތަރުކާރީއާއި މޭވާގެ ބާވަތްތައް ބާޒާރަށް ބޭނުންވާ މިންވަރަށް ހައްދާ، އެތަކެތި ވިއްކުމުގެ ނިޒާމެއް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.