ޚަބަރު

ރާއްޖޭގެ އިޤްތިސާދު ފުޅާކޮށް، ކުރިއެރުވުމަށް އެކައުންޓަންޓުންގެ ދައުރު މުހިއްމު: ޝިމާދު


  • އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ޝިމާދު އެދިވަޑައިގެންނެވި

  • އެސްއޯއީތަކަށް އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވި

ރާއްޖޭގެ އިޤްތިސާދު ބިނާކޮށް، ކުރިއެރުވުމުގައި އެކައުންޓަންޓުންގެ ދައުރު ވަރަށް މުހިއްމުކަމަށް ސްޓޭޓު ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ ސީއޭ މޯލްޑިވްސްގެ އެކި ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވިވާހަކައިގައެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭއަކީ ރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަނާގުޅޭ ކަންކަން، ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ.

ސީއޭ މޯލްޑިވްސްއަށް ކޮމިޓީ މެމްބަރުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާޙީމް ވިދާޅުވީ އެކައުންޓަންޓުންނަކީ އިޤްތިސާދުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ރާއްޖޭގެ ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކައުންޓަންޓުން އިސްނަގައިގެން މަސައްކަތްކުރުމަށް ޝިމާދު ގޮވާލެއްވިއެވެ.

ޝިމާދު ވިދާޅުވީ 2022 އަދި 2023ވަނަ އަހަރުގެ ފައިނޭންޝިއަލް ސްޓޭޓުމަންޓު ނުނިންމާ އެސްއޯއީތަކަށް ސީއޭ މޯލްޑިވްސްއިން އެހީތެރިވާންޖެހޭކަމަށެވެ.

"ބައެއް ކުންފުނިތައް އެބަހުރި، އޮޑިޓު ރިޕޯޓުތައް ހުށަހަޅާއިރު، ޑިސްކްލެއިމަރ، ޑިސްކްލެއިމަރ، ކޮލިފިކޭޝަނާއި ހަމައަށްވެސް ނުފޯރާ ކުންފުނިތައް، އަޅުގަނޑުމެން ފަރާތުން ދެވޭނެ އެހީތެރިކަން ފާހަގަކޮށް، ޕީސީބީ އާއި ގުޅިގެން ހިންގާށޭ އެހީވާން،" ޝިމާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ސީއީއޯ ޑރ. މުޙައްމަދު މާހިދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގައި އެކައުންޓަންޓުންނަކީ މުހިއްމު ބައެއް ކަމަށާއި އެ ދާއިރާއަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިކޮނޮމީ ދިވެހިރާއްޖެ ތަރައްޤީ، ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާނެ ބައެއް މިއަދު މި ހޯލުގައި މިތިބީ،" މާހިދު ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްގެ 11 ކޮމިޓީއަކަށް 84 މެމްބަރުން އައްޔަންކޮށްފައިވާއިރު، މިއާއެކު ރާއްޖޭގެ އެކައުންޓިންގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ.