ޚަބަރު

ރޮޑްރީގޯއަށް އަނިޔާވެ އެލް ކްލަސިކޯގައި ނުކުޅެވިދާނެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގް ރޮޑްރީގޯއަށް ލިބުނު އަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް އެ ޓީމަށް ކުރިއަށް އޮތް އެލް ކްލަސިކޯ މެޗުގައި ނުކުޅެވިދާނެ ކަމަށް ފަހުގެ މީޑިއާ ޚަބަރުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ރޮޑްރީގޯ އަށް އަނިޔާވީ، ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް އަތުން 2-5 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައެވެ. އެ މެޗުގެ 85 ވަނަ މިނެޓުގައި ރޮޑްރީގޯ އަށް ލިބުނު މި އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.

ރޭގެ މެޗަށްފަހު ރެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ވަނީ، ރޮޑްރީގޯ އަށް ލިބުނު އަނިޔާގެ ސަބަބުން އެ ޓީމަށް ކުރިއަށް އޮތް ބާސެލޯނާ މެޗުގައި ނުކުޅެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރެއާލުން ބުނެއެވެ.

ރޮޑްރީގޯ އަށް އަނިޔާވީ، ރެއާލުން ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގި ލަނޑުޖެހުމަށް ލޫކަސް ވަޒްކޭޒް އަށް އެހީތެރިވެދިންތާ މާގިނައިރުތަކެއް ނުވަނީސް އެވެ. އަނިޔާއަށްފަހު ރޮޑްރީގޯ ދަނޑުން ފައިބައިގެންދިޔައީ ކަނާތުފައިގައި އައިސް އަޅައިގެންނެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ބާސެލޯނާ އެއްވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް އޮތީ އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައެވެ.