ޚަބަރު

އަމާޒަކީ ހަނިމާދޫ އެއަރޕޯޓާއެކު، އުތުރުގައި 4000 އެނދު ފަތުރުވެރިކަމަށް ނެރުން: ވަޒީރު ފައިސަލް


  • އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ

  • ހދ.ވައިކަރަމުރައިދޫވަނީ ފަތުރުވެރިކަމަށް ދޫކޮށްފައި

  • އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމޭއިރު، އެއަތޮޅުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް މިހެން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ވަޒީރު ފައިސަލް ވިދާޅުވީ މި ސަރުކާރުން ފަތުރުވެރިކަމަށް ހުޅުވާލި ފުރަތަމަ ރަށްތަކުގެތެރޭގައި ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމަނާފައިވާ ކަމަށާއި މިހާރު މިރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"މިހާރު ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްފައިވަނީ 460 އެނދު، އެ އަތޮޅުގެ އިތުރު 3 ތަނެއް ފަތުރުވެރިކަމަށް ދޫކޮށް، ޖުމްލަ 1886 އެނދު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މަރޗުމަހުގެތެރޭ ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އަމާޒަކީ އެހާތަނަށް ފަތުރުވެރިކަމަށް އިތުރު 4000 އެނދު ނެރުންކަމަށެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެދަށުން އިންވެސްޓަރުން ހޯދުމަށް އެކި ޤައުމުތަކުގައި އިންވެސްޓަރ ފޯރަމުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ފައިސަލް ވިދާޅުވިއެވެ.

"މިހާރުވަނީ ސިންގަޕޫރު، ތައިލެންޑު އަދި ދުބާއީގައި އިންވެސްޓަރ ފޯރަމުތައް ބޭއްވުމަށް ނިންމާފައި، މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރގައި ބޭއްވުމަށް ތާވަލުކުރެވި، ރާއްޖޭގެ ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެނައުމަށް މަސައްކަތްކުރާނަން،" ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ފައިސަލް ވިދާޅުވީ އިންވެސްޓަރުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ކިޔާދިނުން މުހިންމުކަމަށެވެ. އަދި މިގޮތަށް ވަކި ވަކި މަޝްރޫޢުތައް އިންވެސްޓަރުންނާއި ހަމައަށް ގެންދިޔުމަކީ ފަތުރުވެރިކަން ރާއްޖޭގައި ނެތް ހިސާބުތަކުގައި ފަތުރުވެރިކަން ތަރައްޤީވެގެން ދިޔުމަށް ވަރަށް ބޮޑު އެހީއަކަށްވެގެންދާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.