ޚަބަރު

ބެލޯނިއާ ބަލިކޮށް އެސްޓަން ވިލާ ތާވަލުގެ އެއްވަނައަށް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ބެލޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމު އެސްޓަން ވިލާއިން ހޯދައިފިއެވެ.

ގިނަ އަހަރުތަކަކަށްފަހު ޔޫރަޕްގެ މުބާރާތެއްގައި އެސްޓަން ވިލާއިން ފުރަތަމަ ފަހަރަށް ވާދަކުރާއިރު, ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށް 9 ޕޮއިންޓާއެކު 36 ޓީމު ވާދަކުރާ ލީގުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 7 ޕޮއިންޓް ލިބިފައިވާއިރު ސްޕޯޓިންގ ލިޒްބަން އާއި އާސެނަލް އަށްވެސް ލިބިފައިވާ ހަތް ޕޮއިންޓެވެ.

އެސްޓަން ވިލާއިން ވަނީ ޗެމްޕިއަންސް ލީގުގައި މީގެ ކުރިން ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އާއި ޖަރުމަނުގެ ގަދަ ބާރެއް ކަމުގައިވާ ބަޔާން މިއުނިކްވެސް ބަލިކޮށްފަ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފަ އެވެ.

އެސްޓަން ވިލާއަށް ލިބުނު ހިލޭ ޖެހުމަކުން ޓީމުގެ ކެޕްޓަން ޖޯން މެކްގިން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައިވާއިރު, ބެލޯނިއާގެ ކުޅުންތެރިން ވަނީ މި މެޗުގެ ރެފްރީ, ޕޯޗުގަލްގެ ޖޮއާއޯ ޕިނެއިރޯގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި މެޗުގައި އެސްޓަން ވިލާ އިން ޖެހި ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯން ޑުރާން އެވެ. މިއީ އެސްޓަން ވިލާގެ ވިލާ ޕާކުގައި ފާއިތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ކުޅުނު މެޗެއްގެ ފުރަތަމަ އެގާރައިގައި އޭނާ ހިމެނުނު ފުރަތަމަ ފަހަރެވެ.

މި ލަނޑު ޖެހިއިރު އޭނާގެ ބަދަލުގައި ކުޅެން އަރަން ތައްޔާރަށް މެޗުގެ ހަތަރުވަނަ އޮފިޝަލް ކައިރީގައި އޮލީ ވޮޓްކިންސް ހުރިއިރު, މި ބަދަލާއިމެދު އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މިއީ މި ސީޒަނުގައި ޑުރާން ޖެހި ހަތްވަނަ ލަނޑެވެ.