ޚަބަރު

ސްޓުޓްގާޓުން ފަހު ވަގުތު ޔުވެންޓަސް ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ސްޓުޓްގާޓާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން އިޓަލީގެ ޔުވެންޓަސް ބަލިވެއްޖެއެވެ.

ޔުވެންޓަސްގެ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުން ޔުވެންޓަސް ބަލިވެފައިވާއިރު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައިވާ 6 ޕޮއިންޓާއެކު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ފުރަތަމަ ފަހަރަށް ސްޓުޓްގާޓުން މޮޅުވިއިރު އެ ޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް 8 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އަދި ދެވަނަ ބުރަށް ކޮލިފައިވާ ޓީމުތަކާއިމެދު ގޮތެއް ނިންމުމަށް އަވަސް ކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފަ އެވެ.

ސްޓުޓްގާޓުން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ 85 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އެންޒޯ މިލޮޓް ފޮނުވާލުމުން ޔުވެންޓަސްގެ ކީޕަރު މަޓިއާ ޕެރިން ވަނީ ދިފާއުކޮށްފަ އެވެ.

އަދި ސްޓުޓްގާޓަށް ރެފްރީ ޕެނަލްޓީ ދީފައިވަނީ އޭރިޔާ ތެރެއިން ޑެނިލޯ ކުރި ފައުލަކާއި ގުޅިގެންނެވެ. އަދި ދެވަނަ ރީނދޫ ކާޑަކާއިއެކު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލަފަ އެވެ.

ސްޓުޓްގާޓަށް ހައްގު ތިން ޕޮއިންޓް މި މެޗުން ކަށަވަރު ވެފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެލް ބިލާލް ޓޯރޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.