ޚަބަރު

ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަން ރުފިޔާ ހޯދައި، 6891 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި


ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދާފައިވާކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޤަވައިދުގެ ތެރެއަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށާއި، އެކަމުގައި ކާމިޔާބުތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ މިލިޔަން ދަޢުލަތަށް ލިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާރު ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް މިހާރު ހޯދައިފިން. މިހާރު ނުލިބި ވަނީ 703 މިލިއަން ރުފިޔާ." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންފާ "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާކޮށްފައިވާކަމަށެވެ. ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 6891 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށާއި، މިހާތަނަށް 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ. އަދި ޢަމާޒަކީ 1 އަހަރުތެރޭގައި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށްދާ ބާރުމިނުގައި ކުރިއަށްދާނަމަ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަޢުލޫމާތު އެއްކޮށް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަން ވަރަށް އަވަހަށް މާލޭ ސަރަޙައްދުގައިވެސް ފަށްޓަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މާލެގައި ކުރަނގި އޮޕަރޭޝަން ނޮވެމްބަރު 1ވަނަ ދުވަހު ފަށާނަން. 150އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ. ވުޒާރާ އަދި ސަރުކާރު އެސްއޯއީތަކުގެ އެހީއާއި އެކު މި މިސައްކަތް ކުރާނީ." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޢަމާޒަކީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުންކަމަށެވެ.