ޚަބަރު

ފަތުރުވެރިކަން އެންމެ ބޮޑަށް އިޝްތިހާރުކުރާ އަހަރަށް އަންނަ އަހަރުވާނެ: ފަތުރުވެރިކަމާބެހޭ ވަޒީރު


ފަތުރުވެރިކަމުގެ އެންމެ ލޯސީޒަންގައި އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އަންނަ އަހަރަކީ ފަތުރުވެރިކަން އެންމެ ބޮޑަށް އިޝްތިހާރުކުރާ އަހަރަށް ހަދާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ބޭއްވި ޓޫރިޒަމް ސިމްޕޯޒިއަމް 2024ގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ އަންނަ އަހަރު ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުތަކުގައި އިޝްތިހާރުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ބައެއް ޤައުމުތަކުގައި އެމްއެމްޕީއާރުސީގެ އޮފީސްތައް ޤާއިމްކޮށްގެންނަމަވެސް އިޝްތިހާރުކުރުން ވަރުގަދަ ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިޝްތިހާރުކުރުން ވަރުގަދަކޮށް، ޢާންމުކޮށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން އެންމެ މަދު ދުވަސްވަރު، ފަތުރުވެރިން ޒިޔާރަތްކުރާ ޢަދަދު އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން މި ދުވަސްވަރު މިއަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރަށްވުރެ އަންނަ އަހަރު ޒިޔާރަތްކުރާ ނިސްބަތް 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުކުރުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެ ކުރިން ލަގްޒަރީ ރިސޯޓުތަކަށް ފަތުރުވެރިން އަންނަ އަދަދު މަދު. ނަމަވެސް މިއަހަރު އެ އަދަދު އިތުރު. ފަތުރުވެރިން ރާއްޖެ އައިސް ގިނައިން ފައިސާ ޚަރަދުކުރާނަމަ، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާމެދު ވިސްނާކަށް ނުޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކޮށް، ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރުން މުހިންމު ކަމަށެވެ. އެގޮތުން ރާއްޖޭގައި ޞިއްޙީ އެކި ޚިދުމަތްތައް ރިސޯޓުތަކުގައި ޤާއިމްކޮށްގެން، "މެޑިކަލް ޓޫރިޒަމް" ތަޢާރަފްކޮށް، ބޮޑު އާމްދަނީއެއް ހޯދިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އިޓަލީއަށް އެބަ ދަތުރުކުރޭ އަހަރަކު 1 މިލިޔަން ފަތުރުވެރިން ދަތް ސާފުކުރަން. އެހެންވީމަ ރިސޯޓުތަކުގައިވެސް މެޑިކަލް ވަޞީލަތްތައް ޤާއިމްކޮށްގެން މިކަން ކުރެވިދާނެ." ވަޒީރު ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމާއި ޚިޔާލާއި މަޝްވަރާ ބަދަލުކުރުން ވަރަށް މުހިންމުކަމަށްވެސް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދާއިރާގެ އެކި ފަރާތްތަކާއެކު މަޝްވަރާކޮށް، ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ދުނިޔޭގެ ބާޒާރުތަކާއި ރާއްޖެ ގުޅުވާލަދިނުމަށް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ.