ޚަބަރު

ރެއާލް މެޑްރިޑާ ދެކޮޅަށް ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭ: ސާހިން


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ޓީމެއްގެ ގޮތުގައި ކުޅެގެން ނޫނީ އެ ޓީމުގެ މައްޗަށް ކުރި ނުހޯދޭނެ ކަމަށް ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑުގެ ކޯޗު ނޫރީ ސާހިން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ރާއްޖެ ގަޑިން ބާރަ ޖަހާއިރު މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ރިޕްލޭ އެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ރެއާލް މެޑްރިޑް އިން ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ބޮރޫޝިޔާ ޑޯޓްމަންޑް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.

ސާހިން ބުނެފައިވަނީ މި މެޗަށް ނިކުންނައިރު މެންޓަލީ ކިތަންމެ ރަގަޅު ހާލަތެއްގައި ކުޅުންތެރިން ތިބި ކަމުގައިވީ ނަމަވެސް ރެއާލް މެޑްރިޑަކީ މޮޅު ކުޅުންތެރިންތަކެއް ގިނަ ޓީމެއް ކަމަށެވެ.

އެގޮތުން އެ ޓީމުގެ ކުރިއަށް އެކަނި ބަލާލިކަމުގައިވީ ނަމަވެސް ވިނިޝިއަސް ޖޫނިއަރ ހިފަހައްޓަން ބަލާއިރު އެމްބާޕޭ އާއި ޖޫޑް ބެލިންހަމްގެ އިތުރުން ރޮޑްރިގޯ ދަނޑު މަތީގައި ތިބޭނެ ކަމަށެވެ. އެހެންކަމުން މިއިން އެއްވެސް ކުޅުންތެރިއަކު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށްވާއިރު, މިމެޗުގައި ރަގަޅު ނަތީޖާއެއް ހޯދޭނީ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޑޯޓްމަންޑްގެ ޓީމު މެޑްރިޑަށް ލަހުން އައިސްފައިވަނީ ސްޕެއިނުގައި އެ ޓީމުގެ ފަރިތަކުރުންތައް ބޭއްވުމުގެ ބަދަލުގައި ޖަރުމަނުގައި އެ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ބޭއްވުމަށް ކަމަށާއި އެކަމުގައި ފޮރުވަންޖެހޭ ކަމެއް ނެތް ކަމަށްވެސް ކޯޗު ވަނީ ބުނެފަ އެވެ. އަދި އޭނާ އެގޮތަށް ކަންތައް ކޮށްފައިވަނީ ރަށުން ބޭރުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭތީ ކުޅުންތެރިންނަށް އާއިލާއާއިއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.