ޚަބަރު

އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއަކަށް ސަބަލެންކާ


ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު އެރީނާ ސަބަލެންކާއަށް ލިބިއްޖެއެވެ.

ބެލަރޫސްގެ ސަބަލެންކާއަށް މި މަގާމް ލިބިފައިވަނީ ކުރިން އެއްވަނައިގައި ހުރި އިގާ ސްވިއަޓެކްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި ސީޒަނުގައި ސަބަލެންކާ ވާދަކުރި މުބާރާތްތަކުގެ ތެރެއިން އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން މުބާރާތް ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފަ އެވެ. އަދި މިދިޔަ މަހު ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ ސިންސިނާޓީ މާސްޓަރސް އާއި ދާދި ފަހުން ޗައިނާގައި ނިމިގެންދިޔަ ޝަންގްހާއީ މާސްޓަރސް މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ ޓެނިސް އެސޯސިއޭޝަންގެ ގަވާއިދުތައް ބުނާ ގޮތުން ދުނިޔޭގެ ރޭންކިން ގުނާއިރު ޑަބްލިއު ޓީ އޭ ހަ މުބާރާތުގައި ކުޅުންތެރިން ވާދަކުރަން ޖެހެއެވެ. އެހެންކަމުން ވަރުބަލި ވެފައިވާކަމަށް ބުނެ އޭޝިޔާގެ މުބާރާތުގައި ވާދަކޮށްފައިނުވާ ސްވިއަޓެކް އަށް މި ސީޒަނުގައި ވާދަކުރެވިފައިވަނީ ޑަބްލިއު ޓީ އޭ ދެ މުބާރާތުގަ އެވެ. އެހެންކަމުން އޭނާއަށް މި ސީޒަނުގައި އެކަށީގެންވާ ވަރަށް ޕޮއިންޓް ލިބިފައެއް ނުވެ އެވެ.

ސަބަލެންކާ އަށް 9706 ޕޮއިންޓް ލިބިފައިވާއިރު ސްވިއަޓެކް އަށް ލިބިފައިވަނީ 9665 ޕޮއިންޓެވެ. އަދި އަންނަ ނޮވެމްބަރ މަހު ސައުދި އަރަބިއްޔާގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތަށްފަހު ފައިނަލް ރޭންކިން އިއުލާން ކުރާއިރު މި މުބާރާތުގައި މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުވެގެންދާނެ އެވެ.

ސަބަލެންކާގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިފަހަރު ކިހާ ދުވަހެއް ވަންދެން ހުރެވޭނެތޯ ސުވާލުކޮށްފަ އެވެ.