ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް 13 ނަމެއް


  • މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައި

  • ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް 13 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރުމާ ގުޅިގެން އެ ހަތަރު މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން:

* ހަސަން ޒުހައިރު މުހައްމަދު
* އާއިޝަތު އާދަމް
* އިބްރާޙިމް ޝަރީފް
* އަލްއުސްތާޛާ ޝިފްޒާ އަބްދުލްޤައްޔޫމް
* އަޙުމަދު ސަޢީދު
* އަލްއުސްތާޛް އަބްދުﷲ އަބްދުލްހަކީމް
* އަލްއުސްތާޛް މުޙައްމަދު އަމީން ޒާހިރު
* އަލްއުސްތާޛް މުހައްމަދު ފާރިސް ޠާހާ
* އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު
* އަލްއުސްތާޛް އަޙުމަދު ޢަލީ
* އަލްއުސްތާޛް އަލީ ރިޒާ އިސްމާޢީލް
* އަލްއުސްތާޛާ ފާތިމަތު ޝަފީނާޒް
* އަލްއުސްތާޛް މަޖީދު ޢަލީ

ރިޔާސަތުން ވަނީ މިމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މި ބޭފުޅުންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މަޖިލީހުން މިހާރު ވަނީ ހުޅުވާލާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މަޖިލީހުން އެގޮތަށް ސަރުކާރަށް ލަފާ ދެއްވުމުންނެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ސިޓީއަކާ ގުޅިގެން ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ މައްސަލަ ބެލި ބެލުމުން، އެ އިދާރާއިން ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ކޮށްފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޓްރައިބިއުނަލްގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިހުރިކަން ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރީ އެ ޓްރައިބިއުނަލްގެ ރައީސް މުޙައްމަދު މުނައްވަރު އަލީ އާއި ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލާއި މެންބަރު ޚަދީޖާ ނައީމް އަދި އަހުމަދު އަޝްރަފެވެ.