ޚަބަރު

ވުޑްގެ ލަނޑާއެކު ޕެލަސް އަތުން ފޮރެސްޓަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކްރިސް ވުޑް ކާމިޔާބުކުރި ލަނޑާއެކު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 0-1 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓުން މޮޅުވެއްޖެއެވެ.

މިއީ މިދިޔަ އޭޕްރީލް މަހުގެ ފަހުން ފޮރެސްޓްގެ ދަނޑުގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ޕެލަސް އިން ލީގުގައި މޮޅެއްނުލިބި ފުރިހަމަކުރި އަށްވަނަ މެޗެވެ.

ފޮރެސްޓްގެ ސިޓީ ގްރައުންޑްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 65 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިއު ޒީލަންޑްގެ ފޯވާޑް، ވުޑް އެވެ. މިއީ ލީގުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިފައިވާއިރު، މީގެތެރެއިން ފޮރެސްޓްގެ ފޯވާޑް، ވުޑް ވަނީ ރަނުގެ ފުރުޞަތުތަކެއް ބޭކާރުކޮށްލާފައެވެ. އަދި، މި ހާފުގައި ޕެލަސް އާއި ފޮރެސްޓުން ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

ފޮރެސްޓަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމުގައި އެ ޓީމުގެ ގޯލްބެލެހެއްޓި މަޓްޒް ސެލްސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އޭގެތެރޭގައި، މެޗު ނިމެންދަނިކޮށް ސެލްސް ވަނީ ޕެލަސްގެ ޖެފްރޭ ޝްލަޕް ފޮނުވާލި ހަމަލާއެއް ހުއްޓުވައިފައެވެ.

ރޭގެ ނަތީޖާއާއެކު ފޮރެސްޓް ވަނީ އަށް މެޗުން 13 ޕޮއިންޓް ހަމަކޮށް، ތާވަލްގެ އަށްވަނަ އަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު އަށް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕެލަސް އޮތީ ފުލުން ތިންވަނައިގައެވެ.

ލީގުގައި ފޮރެސްޓަށް ދެން އޮތީ މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އޭގެ އެއްދުވަސް ފަހުން، އަމިއްލަ ދަނޑުގައި ޕެލަސް ނިކުންނާނީ ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށެވެ.