ޚަބަރު

ޔުނިވަރސަލް ފައުންޑޭޝަނުން ދިވެހި 3 ޑޮކްޓަރަކަށް ސްޕެޝަލައިޒްވުމަށް ސްކޮލަރޝިޕް ދީފި


  • ޑޮކްޓަރުކަން ކިޔެވުމަށް ފުރުޞަތު ދީފައިވަނީ މާސްޓަރސް ފެންވަރަށް ކިޔެވުމަށް

  • 121 ސްކޮލަރޝިޕް މިހާތަނަށް ރާއްޖެއިން ބޭރުން ދީފައިވޭ

ޑޮކްޓަރުކަމުގެ ދާއިރާއިން ސްޕެޝަލައިޒްވުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ރާއްޖޭގެ 3 ޑޮކްޓަރަކަށް ސްކޮލަރޝިޕް ދީފިއެވެ.

ޔުނިވަރސަލް ފައުންޑޭޝަނުން ފަހިކޮށްދީފައިވާ މި ފުރުޞަތަކީ ރާއްޖޭގައި އިންސާނީ ވަސީލަތް ކުރިއެރުވުމަށް އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެދަށުން ފޯރުކޮށްދޭ ފުރުސަތެކެވެ.

މިއަހަރު ސްކޮލަރޝިޕް ފުރުޞަތު ދީފައިވަނީ ޑޮކްޓަރުންގެ ގޮތުގައި ޚިދުމަތް ކުރަމުންދާ 3 ޑޮކްޓަރަކު، މާސްޓަރސް ފެންވަރަށް ކިޔެވުމަށެވެ.

ސްކޮލަރޝިޕް ލިބުނު ޑޮކްޓަރުންނަކީ:

* ޑރ.އާމިނަތު ނަޖުދާ، އޮޕަރޭޝަން ކުރުމުގެ ޚާއްސަ ދާއިރާ
* ޑރ.ފާތިމަތު މިޝާފާ ވަސީމް، ކަރުންމަތީގެ ޚާއްސަ ދާއިރާ
* ޑރ.ނުހާ އަބްދުއްރަޙުމާނު، ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ދާއިރާ

ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާ ވާހަކަދައްކަވަމުން ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދު ވިދާޅުވީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އެހީވުމަކީ އެފައުންޑޭޝަނުން ޚާއްސަ އިސްކަމެއްދޭ މަސައްކަތެއްކަމަށެވެ. އެގޮތުން ޑޮކްޓަރުކަމުގެ ދާއިރާއިން ހުޅުވާލާ ފުރުޞަތަކީ ސީއެސްއާރްގެ ދަށުން ދޭ އެންމެ ބޮޑު ފުރުޞަތުކަން ފާހަގަކުރައްވާ އިޔާޒް ވިދާޅުވީ، ޔުނިވަރސަލްގެ އެހީގައި މިވަގުތުވެސް ރާއްޖެއިން ބޭރުގައި މެޑިސިން ދާއިރާއިން ދަރިވަރުން ސްޕެޝަލައިޒްވަމުން އަންނަކަމަށެވެ. ކޯހުގެ ހުރިހާ ޚަރަދުތައް ބަލަހައްޓަނީ އެފައުންޑޭޝަނުންނެވެ.

"2014ވަނަ އަހަރު ޔުނިވަރސަލް ފައުންޑޭޝަން ހިންގަން ފެށީއްސުރެ 121 ސްކޮލަރޝިޕް ރާއްޖެއިން ބޭރުން ފަހިކޮށްދީފިން. މިހާރުވެސް 15 ކުއްޖަކު ބޭރުގައި ކިޔަވަމުންދާއިރު، މި ކުދިންގެ ތެރޭގައި މެޑިކަލް ދާއިރާއިން ސްޕެޝަލައިޒްވުމަށް ދީފައިވާ ސްކޮލަރޝިޕް ހިމެނޭ." ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދު ވިދާޅުވިއެވެ.

ޔުނިވަރސަލް ފައުންޑޭޝަނުން ދަނީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. ވިލާ ކުންފުންޏާ ގުޅިގެން ހިންގާ އެ ޕްރޮގްރާމްގައި މިހާތަނަށް ހޮސްޕިޓަލިޓީ ދާއިރާއިން 130 ކުދިން ވަނީ ތަމްރީންކޮށްފައެވެ. އަދި 20 ކުއްޖަކު ތަމްރީންކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދެއެވެ.

ރާއްޖެއަށް މުހިންމު ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުމަށް ޔުނިވަރސަލް ފައުންޑޭޝަންގެ އެހީތެރިކަން އަބަސްދުވެސް ފޯރުކޮށްދޭނެކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

ޔުނިވަރސަލްއަކީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ޚިދުމަތް ކުރަމުންދާ ދުވަސްވީ ކުންފުންޏެކެވެ.