ޚަބަރު

އެތައް ފުރުޞަތުތަކަކާއެކު ޒުވާނުން ބާރުވެރިކުރުވުމުގެ އައު ޒަމާނެއް


  • ވަޒީފާގެ ބާޒާރަށް ޒުވާނުން ތައްޔާރުކުރުމަށް ޕްރޮގުރާމްތައް ދަނީ ހިންގަމުން

  • ޒުވާނުން ބާރުވެރިކުރުވުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ބޯޑެއް އުފެއްދެވި

  • ޒުވާނުން ޢަޒުމް ކަނޑައަޅަންވީ ޤައުމަށް ފައިދާހުރި ބަޔަކަށްވުމަށް

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޒުވާނުންގެ ދުވަހެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހެއް އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ފާހަގަކުރި ނަމަވެސް، ޤައުމީ ފެންވަރެއްގައި ޒުވާނުންގެ ދުވަސް ރާއްޖޭގައި ފާހހަގަކުރަނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ޒުވާނުން ކަމުގައި ބަލަނީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ 35 އިންސައްތައަކީ ޒުވާނުންނެވެ.

ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ބާރުވެރި، އަދި ކަންކަން ނިންމުމުގައި އަޑު އުފުލާ ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބާރުވެރި ޤާބިލް ބަޔަކަށް ޒުވާނުން ހެދުމަށް ގިނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. މީގެ ކުރިން ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާ އެއް ވުޒާރާއެއްގެ ގޮތުގައި ހިންގެވިނަމަވެސް، ރައީސް ޑރ. މުޢިއްޒު ވަނީ ޒުވާނުންނަކީ ވަކިޚާއްޞަ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވައި، ޒުވާނުންނާ ބެހޭ ޚާއްޞަ ވުޒާރާއެއް އުފައްދަވާފައެވެ. މިކަމުންވެސް ޒުވާނުންނަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހަމިއްޔަތު ހާމަވެއެވެ.


ޒުވާނުންނާއި ގުޅިގެން ސަރުކާރުން ކުރާ އެންމެ މުހިންމު އެއް ކަމަކީ ޒުވާނުންނާގުޅޭ ކަންކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޒުވާނުންގެ ތެރެއިން ހޮވާލެވޭ ޚާއްސަ ބޯޑެއް އެކުލަވާލައި ޒުވާނުންގެ ސީދާ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުއްމީދުތައް ހިމެނުމަށް ޓަކައި "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް"ގެ ނަމުގައި ބޯޑެއް އުފައްދާފައިވެއެވެ. 15 މެންބަރުން ހިމެނޭގޮތަށް އެކުލަވާލާފައިވާ މިބޯޑަކީ އެކި ދާއިރާތައް ޝާމިލުވާހެން އެކުލަވާލާފައިވާ ސީދާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެގެން ސަރުކާރުގެ ޒުވާނުންނާ ގުޅޭ އޮނިގަނޑަށް ގެންނެވި މުހިންމު ބަދަލެކެވެ.

ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމާއެކު ތަޢުލީމާއި ތަމްރީން ހޯދައިދީ، ބައިވެރިވުން އިތުރުކުރުމަށް އުފެއްދެވި ބޯޑާއެކު ޒުވާނުން ބާރުވެރިކުރުވުމުގެ އައު ޒަމާނެއް މިވަނީ ފެށިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒުވާނުންނާ ގުޅޭ ސިޔާސަތުގެ ދަށުން ޒުވާނުންނަކީ އުފެއްދުންތެރި، ފުދުންތެރި ދިރިއުޅުމެއްގައި އުޅެވޭނޭ ބަޔަކަށް ހެދުމުގައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތްވެސް އެވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ.

އެ ވުޒާރާއިން މިއަހަރުގެ ތެރޭގައި ވަނީ ގިނަ ތަމްރީން ޕްރޮގުރާމްތަކާއި ޒުވާނުންނަށް އެކި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތަކެއް ފަށްޓަވާފައެވެ.

އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ "ޔޫތް ހެކް 2024" އެވެ. ސިލްސިލާކޮށް ބާއްވާ މި ހަރަކާތުން، ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްޤީ ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމުކޮށް، އަހަރަކު 100 ޒުވާނުން ފަންނިއްޔާތުގެ ދާއިރާއިން ތަމްރީން ކުރުމަށް ވަނީ ނިންމާފަވާނެއެވެ. ޤައުމީ ލެވެލްގައި ޒުވާނުންނަށް "ޔޫތު ހެކަތަން 2024" ނަމުގައި ހުޅުވާލި ފުރުސަތުގައި 250 ޒުވާނުންވަނީ ބައިވެރިވެ ވަނަ ހޯދައިފައެވެ.

އެވުޒާރާއިން ފައްޓަވާފައިވާ އެންމެ ފާހަގަކޮށްލެވޭ އަނެއް މަސައްކަތަކީ އެޕްރެންޓިސްޝިޕް ޕްރޮގުރާމްތަކެވެ. މި ޕްރޮގުރާމްތަކަކީ ދިވެހި ޒުވާނުންނަކީ ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވެފައިވާ، އިތުބާރާއެކު މަސައްކަތް ކުރެވޭނެ ފެންވަރުހުރި ހުނަރުވެރި ބަޔަކަށް ހެދުމަށް ކުރިއަށްގެންދާ ޕްރޮގުރާމްތަކެކެވެ.

މީގެ އިތުރުން ޒުވާނުންނަށް ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ކިޔައިދީ، އަހުލުވެރިކުރުވުމަށް ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ރާއްޖޭގެ އިޤުތިޞާދު ބިނާވާ މައި ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށްވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ޤައުމީ ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ޒުވާނުން ކުރަންޖެހޭކަމެއްވެސް އެބައޮތެވެ. އެެއީ ކުރިއެރުމަށްޓަކައި ސަރުކާރުން އެއްލާ ވަލުގައި ހިފުމެވެ. ސަރުކާރުން ހިންގަވާ ތަމްރީންތަކުގައި ބައިވެރިވެ، ފުރިހަމަ ގޮތުގައި އެއިން މަންފާ ލިބިގަތުމެވެ. ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމެވެ.

ހިތްވަރާއެކު ކެރިގެން ޤައުމުގެ ކުރީ ސަފަށް ސަރުކާރުން ފަހިކޮށްދެއްވާ ޖާގަތަކުގެ ބޭނުން ހިފައި، ޚިޔާލާއި މަޝްވަރާ ހިއްސާކުރާ ބަޔަކަށް ޒުވާނުން ވާންޖެހެއެވެ. އެހެންކަމުން މިއަދު ޒުވާނުން ޢަޒުމު ކަނޑައަޅަންވީ އެންމެ ކަމެއް ކުރުމަށެވެ. އެއީ ޤައުމަށް ބޭނުންތެރި ފައިދާހުރި ބަޔަކަށް ވުމަށެވެ.