ޚަބަރު

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް: ރާއްޖެއިން އިންޑިއާ ބަލިކޮށްފި


ބެންގަލޫރުގައި މިހާރު ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އަތުން މޮޅުވެއްޖެއެވެ.

މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖެ މޮޅުވީ 54 ޕޮއިންޓް 48 ޕޮއިންޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާރުގައި ރާއްޖެ ނިންމާލީ 15 ޕޮއިންޓް 8 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު 24 ޕޮއިންޓް 17 ޕޮއިންޓުން ރާއްޖެ ކުރީގައި އޮތްއިރު، ތިންވަނަ ކުއާޓަރު ނިންމާލާފައިވަނީ 41 ޕޮއިންޓް 330 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

މި މެޗުން ރާއްޖެ މޮޅުވިިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ މުޅިން އަލަށް ވާދަކުރާ ސައުދީ އަރަބިއްޔާ އަތުން 74 ޕޮއިންޓް 14 ޕޮއިންޓުން މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ވަނީ 64 ޕޮއިންޓް 28 ޕޮއިންޓުން މެލޭޝިއާ އަތުން ބަލިވެފައެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި 15 ގައުމު ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ސައުދީ އާއި، ސްރީ ލަންކާ އާއި، މެލޭޝިއާ އާއި، ފިލިޕީންސް އާއި، އިންޑިއާ އަދި ޖަޕާނެވެ. ގުރޫޕް ބީގައި ހިމެނެނީ ސިންގަޕޫރާއި، ހޮންގް ކޮންގާއި، ބުރޫނާއީ ދާރުއްސަލާމާއި، ތައިލެންޑާއި، ޗައިނީސް ޓައިޕޭ އާއި، އިރާގް އަދި ބަހްރެއިނެވެ.

މުބާރާތުގައި ރާއްޖެއިން ދެން ކުޅޭ ހަތަރުވަނަ މެޗުގައި މާދަމާ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.