ޚަބަރު

އދ. އަށް 79 އަހަރު، ރާއްޖެ ކުޑަނަމަވެސް ނިންމި ނިންމުންތައް ބޮޑު!


  • އދ އުފައްދަން ޗާޓާގައި ފުރަތަމަ ސޮއިކުރީ 51 ޤައުމު

  • ރާއްޖެ މި ޖަމާޢަތާއި ގުޅުނީ 1965 ވަނަ އަހަރު

އދ ނުވަތަ އެކުވެރި ދައުލަތްތައް މިނަން 1945 ވަނަ އަހަރު އުފެދުނު އދ އަށް ދީފައިވަނީ، އޭރު ދެވަނަ ބޮޑު ހަނގުރާމައިގެ ޤައުމުތަކަށް ނިސްބަތްކޮށް އެމެރިކާގެ އޭރުގެ ރައީސް ފްރެންކިލިން ޑީ. ރޫޒަވެލްޓް އެލައިޑް ފޯސަސްއާއި ގުޅުނު ޤައުމުތަކަށް އެކުގައި ކީ ނަމުގެ ގޮތުގައެވެ. އަދި ޤައުމުތައް އެކުގައި ގުޅިގެން އިޤްތިޞާދީ އަދި ޢިޖްތިމާޢީ ގޮތުން ކުރިއެރުން ހޯދުމަކީ އެ ޖަމާޢަތް އުފެއްދުމުގެ އަމާޒެވެ. މި އަމާޒުތައް ހާސިލް ކުރުމުގެ ގޮތުން 51 ޤައުމު އެކުވެ، ސޮއިކުރި އދ ޗާޓާގެ ދަށުން ގުނަންތަކެއް އެކުލަވާލިއެވެ.

މިގޮތުން ޖުމްލަ 6 ގުނަވަނެއް އެކުވަލާލެވިގެން އދ ވުޖޫދު ކުރެވުނެވެ. އެ ގުނަވަންތަކަކީ، އދ. ގެ އާންމު މަޖިލީސް، އދ. ސަލާމަތީ މަޖިލިސް، އދ. އިޖްތިމަޢީ އަދި އިޤްތިޞާދީ ކައުންސިލް(އިކޯސޮކް)، ބައިނަލްއަޤްވާމީ ކޯޓު(އައިސީޖޭ)، އދ. އިދާރާ އަދި ޓްރަސްޓީޝިޕް ކައުންސިލެވެ. މީގެ ތެރެއިން ބޮޑެތި ޤައުމުތަކުގެ ބާރުގެ ދަށުގައިވާ ޤައުމުތަކުގެ މިނިވަންކަމުގެ މަސައްކަތް ކުރަން އުފެއްދި، ޓްރަސްޓީޝިޕް ކައުންސިލް މިހާރު ނުހިންގައެވެ. އެ ކައުންސިލް ހުއްޓާލީ 1990 ގެ އަހަރުތަކުއެވެ.

އދ. މައި އެއް ގުނަން ހުއްޓާލި ނަމަވެސް، އެހެނިހެން ޚިދުމަތްތައް ޤައުމުތަކަށް ފޯރުކޮށްދީ ޤައުމުތައް ބިނާ ކުރުމުގެ މަޤްޞަދުގައި އެކި ގުނަންތައް އުފައްދާފައިވެއެވެ. މިގޮތުން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް 15 އޭޖެންސީއެއް އުފައްދާފައިވެއެވެ. މިމަސައްކަތްތަކާއިއެކު އދ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިއީ އެ ޖަމާޢަތް އުފެދިގެން އައި އެއް ތަޞައްވުރެވެ.

ނަމަވެސް މިއަދު އދ ދުވަސް ފާހަގަކުރަމުންދާއިރު، އދ. އުފެއްދުމުގެ މައިގަނޑު މަޤްޞަދު ހާސިލްވޭތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މި ފަދަ ޖަމާޢަތެއްގެ ތެރޭގައި ސުލްޙަ މަސަލަސްކަން ދަމަހައްޓަން އޮތް ސަލާމަތީ މަޖިލީހުގައި ދައިމީ 5 ޤައުމެއް ތިބެ، ވީޓޯ ކުރުމުގެ ބާރު ވަކި ޤައުމުތަކަކަށް ދާއިމީ ގޮތެއްގައި ލިބިދީފައި އޮތުމަކީ، އޮތުމަކީ މި ޖަމާޢަތައް ޤައުމުތަކުން ކުރާ އިތުބާރު ކުޑަވާކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ މިކަން އެންމެ ބޮޑަށް ފެނިގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އދ. ނުކުޅެދިފައި ވުމުންނެވެ.

ޔަހޫދީ ދައުލަތާއި ދެކޮޅަށް އެތަކެއް ބަޔާންތަކެއް ތައްޔާރުކޮށް ނެރެ، އެތަށް ގޮތަކަށް މިކަން ހުއްޓުވުމަށް ޚުދު އދ. ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝް ގޮވާލާ އިރުވެސް، ނޫފުޒު ގަދަ ހުޅަނގުގެ ހިޔަލުގައި ޔަހޫދީ ދައުލަތް ދަނީ ކުރިއަށެވެ. މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައި ނުދެވުމުގެ ކަންބޮޑުވުން ރާއްޖެއިންވެސް ފާޅުކުރުއެވެ.

ދިވެހިރާއްޖެ އދ.އާއި ގުޅުނީ މީގެ 59 އަހަރުކުރިން 1965 ވަނަ އަހަރުއެވެ. ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެމަސް ދުވަސް ފުރިހަމަ ނުވަނީހެވެ. އދ. ގެ މެމްބަރުކަން ހޯދުމަށް ކުރި ދަތުރުގައި ޤައުމުތަކުން ރާއްޖެއަށް އެ ޖަމާޢަތުގެ ޒިންމާ އަދާކުރެވިދާނެކަމާމެދު އޭރު ސުވާލު އުފެއްދިއެވެ. އދ.ގެ މެމްބަރުކަން ހޯދުމަށް ކުރި ދަތުރުގައި އޭރު ރާއްޖޭގެ މާލީ ފުދުންތެރިކަން ދަށްވުމުގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް 10 ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެ ގޮންޖެހުންތައް ހުރުމާއެކު، އދ. ގައި ރާއްޖެއަކީ މުހިންމު ބައެއްކަން ދައްކަންޖެހޭނެކަމުގެ ރޫހު އާލާވެގެންދިޔައީ އެހިސާބުންނެވެ.

އެހިސާބުން ރާއްޖެއިން އދ. ގެ ދައުރުފުޅާކޮށް، ރާއްޖެއިން ޤަބޫލުކުރާ ކަންތައްތަކުގެ އަޑުއުފުލަން ފެށިއެވެ. ރާއްޖެއިން ވަނީ އދ.ގައި މުހިންމު އެތައްކަމަކަށް އަޑުއުފުލާފައެވެ. އެގޮތުން 3 ނޮވެމްބަރ 1988 ގައި ރާއްޖޭއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، އުދުވާނީ ހަމަލާތަކުން ކުދި ޤައުމުތައް ސަލާމަތްވުމަށްޓަކައި އދ. އިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ބުނެ ޤަރާރެއް ރާއްޖެއިން ހުށައެޅިއެވެ. ތިން އަހަރަށް ޤަރާރު އދ. ގެ ސަލާމަތީ މަޖިލީހުގައި އޮތުމަށްފަހު އެ ޤަރާރު ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ކުވައިތަށް އިރާޤުން ހަމަލާދިންއިރުވެސް ރާއްޖެއިން ހުށަހެޅި ޤަރާރު ބޭނުންކޮށްގެން އދ. އިން ހަނގުރާމަ ހުއްޓުވުމަށް ނިންމިއެވެ. މިއީ ރާއްޖެއިން އދ.ގައި ނިންމި ރަނގަޅު ނިންމުމެކެވެ.

މިއަދުވެސް ރާއްޖެއަކީ އދ.ގައި ހަރަކާތްތެރި ޤައުމެކެވެ.އދގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި އދ.ގެ ޢާންމު މަޖިލީހުގައި ރައީސް ކުރެއްވި ތަގުރީރުގައިވެސް ވަނީ އދ.ގެ ހަރަކަތްތެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ޖަމާޢަތަށް އިޞްލާހީ ބަދަލުތަކެއް އަންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ސަލަމާތީ މަޖިލީހުގައި ދެއްވި ތަގުރީރުންވެސް ދިވެހިންގެ ހިތުގައިވާ އުދާސްތައް ޤައުމުތަކާއި ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވަނީ ސަލަމާތީ މަޖިލީހުގެ ވީޓޯގެ ބާރު އުވާލާ ކުދި ޤައުމުތަކަށް އެ މަޖިލީހުގެ ގޮނޑިއެއް ހާއްސަކޮށްދިނުމަށް ގޮވާލައްވާފައެވެ.

ރާއްޖެ ފަދަ ކުޑަ ޤައުމަކުން ނިޒާމީ ބަދަލުތަކެއް އދ.އަށް ގެންނަން ޖެހޭކަން ފާހަގަކޮށްފައިވާއިރު، ކުޑަ ޤައުމަކަށްވީތީ އެންމެ ތަންފުކެއްވެސް މި ޤައުމު ފަހަތައް ނުޖެހޭކަން މި ހާތަނަށް ރާއްޖެއިން އދ. ކޮށްފައިވާ މަސައްކަތުން ސާބިތުވެއެވެ. މިއަދު އަޅުގަނޑުމެން ވަކަލާތު ކުރަނީ ކުދި ޤައުމުތަކުގެ ހައްޤުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށެވެ. ބޮޑެތި ޤައުމުތަކުން ދުނިޔޭގެ ތިމާވެއްޓަށް ދެމުންދާ ގެއްލުމާއި ދެކޮޅަށެވެ. މޫސުމީ ބަދަލުތަކުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމަކަށް ކަން ރާއްޖެއިން ދަނީ ހާމަކޮސްދެމުންނެވެ.

މިއަދު ފެންނަން އޮތް ހަޤީޤަތަކީ ދިވެހިރާއްޖެފަދަ ކުދި ޤައުމުތައް އިސްވެ ކުރާ ހުރިހާ ކަމެއްގައި ރާއްޖެ އިސް ދައުރެއް އަދާ ކުރުމެވެ. އދ. އިން ކުދި ޤައުމުތަކަށް ހާއްސަކޮށް އެހީވާން ޖެހޭކަމަށް ވަކާލާތުކޮށް އެކަމަށް މަގުފަހި ކުރުމުންދަނީ ރާއްޖޭގެ ހިއްވަރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކަން ކޮންމެ ގޮތަކަށް އޮތަސް މިފަދަ ޖަމާޢަތެއްގައި އުފެދުނުތާ 79 އަހަރު މިއަދު ފުރޭއިރު، މި ޖަމާޢަތަކީ މިހާރު ޤައުމެއް ޤައުމެއްގެ ގޮތުގައި ދުނިޔެ ބަލައިގަތުމަށް އޮތް މަގުކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިޖަމަޢާތުގެ މެންބަރު ކޮންމެ ޤައުމަކަށް އެތައްގޮތަކުން ކުރިއެރުން ހޯދުމަށް މަގުފަހިވާއިރު، ޤައުމުތަކުގެ އެދުމަކީ ޖަމާޢަތް ހަރުދަނާވުމެވެ. ހުރިހާ ޤައުމަކަށްވެސް އެއްހަމައެއްގައި އދ. ގައި ތަމްސީލުވުމުގެ ފުރުސަތު ލިބުމެވެ.