ޚަބަރު

ފަރަންސޭސީވިލާތުގެ މެކްޚޮނާ ދެކޮޅަށް ޔަހޫދީން ފިޔަވަޅު އަޅަނީ


ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚޮނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔަހޫދީން ދީފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު އިސްރައެލް ކަޓްޒެވެ. މެކްޚޮނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔަހޫދީން ދީފައި މި ވަނީ, ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބާއްވާ ކަނޑުގެ ސިފައިންނާ ބެހޭ ޓްރޭޑް ޝޯ, ޔޫރޯނޭވަލްގައި ބައިވެރިވުމުގެ ފުރުޞަތު އިސްރާއީލުގެ ކުންފުނިތަކަށް ނުދިނުމަށް އޭނާ ނިންމެވުމުންނެެވެ.

ނޮވެންބަރު މަހުގެ 4ން 7އަށް ބާއްވާ ޔޫރޯނޭވަލް ޓްރޭޑް ޝޯގައި ބައިވެރިވުމުގެ ފުރުޞަތު އިސްރާއީލުގެ ކުންފުނިތަކަށް ނުދިނުމަށް މެކްޚޮން ނިންމަވާފައި މި ވަނީ, އިސްރާއީލާއި ފަރަންސޭސިވިލާތާ ދެމެދު ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައި ވަނީ ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 42,000އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 100,000އާ ގާތް ކުރެއެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހުދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ. ލުބްނާންގައި ހިންގަމުންދާ ޖަރީމާތަކުގައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,400އަށް އުފުލިފައެވެ. އަދި, 10,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ޔަހޫދީންގެ މި ޖަރީމާތަކާ މެދު މެކްޚޮން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި, އެ ޢުދުވާންތައް ހުއްޓައިލަން ބާރު އެޅުމުގެ ގޮތުން ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލުމަށް އޭނާ ވަނީ ޔަހޫދީންގެ މަދަދުގާރުންނަށް ބާރު އަޅުއްވާފައެވެ. މެކްޚޮން ވިދާޅުވެފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާންތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމާއި, ފޯރުކޮށްދިނުން ހުއްޓައިލުން ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އެއީ, ޔަހޫދީންނަށް ހަޖަމު ކުރެވޭ ފަދަ ގޮވައިލުމަކަށް ނުވިއެވެ.

ނަމަވެސް, މިހާރު މި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހީނަރުވެފައެވެ. ޔޫރޯނޭވަލް އިންތިޒާމު ކުރާ ކުންފުނިން ބުނީ, ޕެރިހުގައި ބާއްވާ ޓްރޭޑް ޝޯގައި އިސްރާއީލުގެ ކުންފުނިތަކުން ބައިވެރިވުމުގެ ފުރުޞަތު ބަންދު ކުރުމަށް ފަރަންސޭސިވިލާތުގެ ސަރުކާރުން އަންގާފައިވާ ކަމުގައެވެ. އަދި, އެ ޝޯ ބަލައިލުމުގެ ފުރުޞަތު އިސްރާއީލުގެ ވަފުދަށް ދިން ނަމަވެސް, އެ ޤައުމުގެ ހަތް ކުންފުންޏެއްގެ އުފެއްދުންތައް އެ ޝޯގައި ދައްކައިލުމުގެ ފުރުޞަތު ދީގެން ނުވާނެ ކަން މެކްޚޮންގެ ސަރުކާރުން އަންގާފައިވާ ކަމުގައެވެ.

މި ކަމާ މެދު ހިތްހަމަ ނުޖެހިގެން ޔަހޫދީންގެ ޚާރިޖީ ވަޒީރު ކަޓްޒު ބުނީ, މެކްޚޮނާ ދެކޮޅަށް ޚާރިޖީ ގޮތުންނާއި ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމާފައިވާނެ ކަމުގައެވެ. އަދި, އޭނާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ޔަހޫދީންގެ ކަމާ ގުޅޭ އިދާރާތަކަށް އަމުރު ކޮށްފައިވާނެ ކަމުގައެވެ. އިސްރާއީލުގެ ކުންފުނިތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ވެސް އޭނާ ވަނީ މެކްޚޮނަށް ގޮވައިލާފައެވެ.