ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރަން ހުޅުވާލައިފި


  • ކައުންސިލާއި ގުޅިގެން މިމަޝްރޫޢު ހުޅުވާލާފައިވަނީ ބައިނަލްއަޤްވާމީ ބީލަމަށް

  • މިމަޝްރޫޢުގެ ދަށުން މަދުވެގެން 75 ކޮޓަރި ތަރައްޤީ ކުރަންޖެހޭ

  • 71،000 އަކަފޫޓުގެ ސަރަހައްދެއް މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިންވެސްޓަރުންނަށް ފަހިވާގޮތަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫޢު ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލައިފިއެވެ. މިމަޝްރޫޢު ބީލަމަށް ހުޅުވާލާފައިވަނީ ބާރަށު ކައުންސިލާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އެކުގައި ސޮއިކުރެވުނު ފަހުމުނާމާއެއްގެ ދަށުންނެވެ.

ހއ. ބާރަށުގައި އިކޯ ޓުއަރިޒަމް ސަރަހައްދެއް ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ބާރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ފަންނީ ހުރިހާ މަސައްކަތެއް ކުރާނީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިންނެވެ. އެގޮތުން ޖުމްލަ 71،832 އަކަފޫޓުގެ ސަރަހައްދެއް ތަރައްޤީކުރަން ހުޅުވާލާފައިވަނީ މަދުވެގެން 75 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީ ކުރާގޮތަށެވެ.

މިކަމަށްޓަކައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ، މިމަޝްރޫޢުވެގެން ދާނީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅަކަށްކަމަށެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިންމޭނެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ޕްރޮޖެކްޓެއް. އެތަން ހުޅުވެންވާއިރަށް ހއ. އަދި ހދ. މި ހިސާބަށް ގިނަ ޓުއަރިސްޓް އެނދުތަކެއް ގެނައުން، އެއީ އަދުގެ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. އެންމެ ބޮޑު ކަމަކީ ޓެކްސް ބޭސް ބޮޑުކުރުން. ޓުއަރިޒަމްގެ ގިނަ ހޮޓާތަކެއް އެޅިގެން ދިއުމަކީ، ވަރަށް ބޮޑަށް، ޚާއްސަކޮށް ބާރަށުގެ ރައްޔިތުން ނުހަނު އެދޭ ކަމެއް" ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ މިމަޝްރޫޢު ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ. އެގޮތުން މަޝްރޫޢުއަށް ބިންވެސް އިތުރުކުރެވިފައިވާކަން ޝުޖާޢު ފާހަގަކުރައްވައި މެންބަރު ޝުޖާއު ވިދާޅުވީ މި މިމަޝްރޫޢުއަކީ އިންވެސްޓަރުންނަށް ފަހި މަޝްރޫއެއްކަމަަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިންވެސްޓަރުންނަށް ވަރަށް ފަހިކޮށް މިނިސްޓްރީން ޑިޒައިންކޮށްފައި އޮތް ޕްރޮޖެކްޓެއް. އަދި ހަނިމާދޫ އެއާޕޯޓު ތަރައްޤީވެގެން އަންނައިރު އެންމެ ބޮޑަށް ފަހިވާނެ އެއް އޭރިއާއަކީ ބާރަށުގެ ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ މި އޭރިއާ. އަޅުގަނޑުގެ ވަރަށް ޔަޤީންކަން އެބައޮތް މިއަށް ވަރަށް ގިނަ ފަރާތްތަކުގެ ޝައުޤުވެރިކަން އާންނާނެ ކަމަށް" ޝުޖާޢު ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން އިކޯޓުއަރިޒަމަށް ބާރަށް ތަރައްޤީ ކުރާއިރު، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ގުޅިގެން ކަނޑައެޅޭ ސަރަހައްދެއް ހިމާޔަތް ކުރާނެއެވެ. އަދި ހެރިޓޭޖްއާއި ގުޅިގެންވެސް އެ ސަރަހައްދުގައި މަސައްކަތްތަކެއް ކުރެވޭނެއެވެ.

ރާއްޖޭގެ ރަށްރަށުގައި އިކޯ ޓުއަރިޒަމަށް ސަރަހައްދުތައް ތަރައްޤީ ކުރުމަކީ ސަރުކާރުން އިސްކަންދޭން ނިންމާފައިވާއިރު، މިއީ ރަށްތަކުގެ ފަތުރުވެރިކަން ފުޅާކޮށް، އެ ސަރަހައްދުތަކުގެ ސަޤާފަތާއި ޤުދުރަތީ ވެށި ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކެކެވެ.