ޚަބަރު

ތަފާސްހިސާބު ބޭނުންކޮށްގެން އެކުލަވާލާ ސިޔާސަތުތަކުން ހެޔޮ ބަދަލުތަކެއް ގެނެވޭނެ: ދާޚިލީ ވަޒީރު


  • ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ތަފާސްހިސާބު މުހިންމު

  • ތަފާސްހިސާބުގެ ސަބަބުން ވިޔަފާރިތަކަށް ހެޔޮ އަސަރުކުރޭ

  • ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރަނީ އޮކްޓޫބަރު 20 ގައި

ތަފާސްހިސާބު ބޭނުންކޮށްގެން އެކުލަވާލާ ސިޔާސަތުތަކުން ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމްކޮށްގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތަފާސްހިސާބު، މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ހާމަކުރާ ތަފާސްހިސާބުގެ ސަބަބުން ވިޔަފާރިވެރިންނަށްވެސް ހެޔޮ އަސަރުކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ތަފާސްހިސާބު ބޭނުންކޮށްގެން ނިންމާ ހަރުދަނާ ނިންމުންތަކުގެ ސަބަބުން ވިޔަފާރިތައް ކުރިއަރައި ދިޔުމުން އޭގެ ސަބަބުން ޤައުމަށް ފައިދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތަފާސްހިސާބުން މި ފެންނަނީ އަޅުގަނޑުމެން އިމްޕޯޓްކުރާ ގާތްގަނޑަކަށް 50 އިންސައްތަ މުދަލުން ޑިއުޓީ ނުނަގައޭ. 4 ބިލިއަން ރުފިޔާ ނަގާއިރުގައި 1 ބިލިޔަން ރުފިޔާ މަޢާފު ކޮށްލެވޭ. މިއުޅެނީ ދައުލަތުގެ އާމްދަނީ އިތުރު ނުކުރެވިގެން. މި ތަފާސްހިސާބުން އެނގިގެންގޮއްސި ޑިއުޓީ މައާފުކުރުމުގައި މުރާޖަޢާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ތަފާސްހިސާބު ފޮރުވުމުގެ ސަގާފަތެއް އޮންނަ ކަމަށެވެ. އަދި މި ދުވަސްތަކަށް ފަސްދީ، ތަފާސްހިސާބު ފަސޭހައިން ފެންނަން ހުންނާނެ ގޮތަށް ހާމަކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޢުލޫމާތަކީ ވީހާވެސް އަވަހަށް ހާމަކުރާ އެއްޗަކަށް ވާންޖެހޭ ކަމަށާއި، ޢާންމުންނަށް އެނގޭގޮތަށް ފަސޭހައިން އޮޅުންފިލާނެހެން ތަފާސްހިސާބު ހާމަކުރުން މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލާބެހޭ ތަފާސްހިސާބު ޢާންމުކޮށް ދައުލަތާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ތަފާސްހިސާބު ހާމަކުރުމަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ދަތުރުފަތުރާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް އިތުރުވަމުން އަންނައިރު ނިންމުންތައް ބިނާވާންޖެހޭނީ ތަފާސްހިސާބުގެ މައްޗަށް. އަދި ޤައުމުގެ އިޖުތިމާޢީ، ޞިއްޙީ، މާލީ، އިޤުތިޞާދީ، ތިމާވެށީގެ ދާއިރާގެ ކުރިއެރުމަށް ތަފާސްހިސާބުން ލިބޭ މަޢުލޫމާތު ވަރަށް މުހިންމު." ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަފާސްހިސާބު ދުވަސްހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދައުލަތާއި ވިޔަފާރިތަކާއި އިޖުތިމާޢީ އެކި ކަންކަމާ ގުޅިގެން ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއްކަން ކަށަވަރުކުރުމަށް ތަފާސްހިސާބު އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އަގުވަޒަންކުރުމެވެ.