ޚަބަރު

އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ މަސައްކަތްކުރާ މީހުންނަށް ލައިސަންސް ދޫކުރަންފަށަނީ


  • މިދާއިރާއަށް ހިންގާ ޕްރޮގްރާމަށް ޑިމާންޑު ބޮޑު

ރާއްޖޭގެ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާއްތަކަކީ ސެޓިފައިޑް އަދި ޚާއްޞަ ލައިސަންސެއްގެ ދަށުން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިންގ ދާއިރާގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި، ރެފްރިޖަރެންޓް ރީސައިކަލް އަދި ރިކްލެމޭޝަން މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ މަސައްކަތަކީވެސް ޚާއްޞަ ދާއިރާއެއްކަމަށެވެ. އެގޮތުން މިކަމަކީވެސް ކުރިއެރުވިދާނެ ދާއިރާއެއްކަމަށާއި، މި ދާއިރާގެ ރައްކާތެރިކަމަށްޓަކައި ސެޓިފައިޑް ލައިސަންސް ދެވިގެން ކުރަން ޖެހޭ މަސައްކަތަކަށް ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ސެޓިފިކޭޝަން ދިނުމުގެ މަސައްކަތާއި ލައިސަންސް ޕްރޮސެސިންގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިންމާ މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ މަސައްކަތަކީ ސެޓިފައިޑް އަދި ލައިސަންސް ދީގެން ކުރެވޭ މަސައްކަތަކަށް ހެދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ ސެޓިފިިކޭޝަން ޕްރޮސެސްއަކާއި ލައިސެސިން ޕްރޮސެސިންގެ މަސައްކަތް. މި މަސައްކަތް ނިންމާ މި އަހަރުގެ ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި ބަލަނީ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ މަސައްކަތަކީ ސެޓިފައިޑް އަދި ލައިސަންސް ދީގެން ކުރެވޭ މަސައްކަތަކަށް ހެދުން" ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ ޕްރޮގްރާމަކީ ވަރަށް ތަރުހީބު ބޮޑު ޕްރޮގްރާމެއްކަމަށެވެ. އެގޮތުން އަތޮޅުތަކުންވެސް މި ޕްރޮގްރާމްއަށް އެދި ހުށައަޅަމުންދާކަން ޒޫޝާން ފާހަހަގަކުރެއްވިއެވެ.

ޒުޝާން ވިދާޅުވީ މި ދާއިރާގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ޓްރެއިންކުރާނެ ސެޓިފައިޑް މީހުން ނެތުންކަމަށް ޒޫޝާން ވިދާޅުވިއެވެ.

"އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަން ދާއިރާގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރި. އަޅުގަނޑު ގަބޫލްކުރަނީ މި އެމްއޯޔޫގެ ދަށުން މިކަމަށް ހައްލުލިބިގެންނާނެ. އެއްކަމަކީ ބަޖެޓް އަނެއްކަމަކީ އަޅުަގނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވޭ ތަމްރީނުކުރާނެ ސެޓިފައިޑް މީހުން ނެތުމުން" ޒޫޝާން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ އަމާޒަކީ ރާއްޖޭގައި ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިން ސަރވިސިންގ ދާއިރާގައި މަސައްކަތް ކުރާ މީހުން ބިނާކޮށް، ޓެކްނީޝަނުންގެ ޤާބިލުކަން އިތުރުކޮށް، މި ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ. އަދި މީގެ އިތުރުން މި ދާއިރާގާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި މުސްތަޤުބަލުގައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ލައިންސަސް އެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހެދުންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ 3 އަހަރު ދުވަހަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.