ޚަބަރު

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ފުޅާކުރެވޭނީ ލާމަރުކަޒީ ޤާނޫނު އިޞްލާހުކޮށްގެން: އައިފާން


  • ދެ ބިލާ ބެހޭގޮތުން ކޮމިޓީއަށް ހުށައަޅާފައިވާ ސިޓީއާއި ޤަރާރާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާސް ހިމެނޭނީ، އޭގެކުރިން ލާމަރުކަޒީ ޤާނޫނު އިޞްލާހުކޮށްގެންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައިވަނީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ޤާނޫނާއި އަރބަން ޑިވަލޮޕްމެންޓްގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ހިމަނައި ޤަރާރެއް މިލަންދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞެއް ހިމަނާފައިނުވުމެވެ.

މި ޤަރާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި އެދާއިރާގެ ކުރީގެ ކައުންސިލް މެންބަރުކަންވެސް ކުރައްވާފައިވާ އަޙްމަދު އައިފާން ވިދާޅުވީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞެއް ހިމަނާފައި ނުވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞެއް ބަޔާންކޮށްފައި ނެތުމުންކަމަށެވެ.

2010 ވަނަ އަހަރު އެކުލަވާލެވުނު ލާމަރުކަޒީ ޤާނޫނުގައި އިޚްތިޞާޞެއް އޮންނަ ކަމަށް ބަޔާންކޮށްފައި އޮންނަނީ ރަށާއި ސިޓީ ކައުންސިލްތަކުގެ އެކަންޏެވެ. އެހެންކަމުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާސެއް ބަޔާންކުރެވޭނީ ލާމަރުކަޒީ ޤާނޫނު އިސްލާޙުކޮށްގެންކަން މެންބަރު ފާހަގަކުރެއްވިއެވެ.

"މިހާރު ޢަމަލުކުރަމުންދާ ގަވާއިދެއްގައި ހުރި ކަންތައްތަކެއް ޤާނޫނުގެ ތެރެއަށް ގެންނަންވެގެން ބިނާވެށި ޤާނޫނެއް އުފެއްދީ. މިސާލަކަށް ޢިމާރާތްކުރުމާއި ޢިމާރާތްކުރުމާ ގުޅިގެން ހުއްދަތައް ދިނުމުގައި ޖެހޭ މައްސަލަތަކަށް ޤާނޫނުގެ ތެރެއިން ހައްލެއް ގެންނަން ބިނާވެށި ޤާނޫނެއް އުފެއްދީ. މި ޤާނޫނުގައި އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާސްގެ ވާހަކަ ނެތީ ލާމަރުކަޒީ ޤާނޫނުގައި އެބައި ނެތީމަ. މިކަން ހައްލު ކުރަންޏާ ފުރަތަމަ އިސްލާޙުކުރަންޖެހޭނީ ލާމަރުކަޒީ ޤާނޫނު." އައިފާން ވިދާޅުވިއެވެ.

މީގެ އިތުރުން އަރބަން ޑިވަލޮޕްމެންޓްގެ ބިލާ ގުޅޭގޮތުން މިލަންދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށައަޅާފައިވާ ސިޓީގައި އެ ބިލު އޮތްގޮތުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި ސިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ވިދާޅުވީ އަރބަން ޑިވަލޮޕްމެންޓްގެ ބިލާ ގުޅޭގޮތުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް އެ ބިލުގެ ސަބަބުން ނިގުޅައިގަނެވޭކަމަށްބުނެ ބުނި ނަމަވެސް އެއިން އެއްވެސް ޝަކުވާއެއްގައި ބާރުތައް ނިގުޅައިގަނެވެނީ ކިހިނެއްކަމެއް، ނުވަތަ ނިގުޅައިގަނެވޭކަން ސާބިތުކޮށްދެވިފައިނުވާކަމަށެވެ.

"ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކަށް ލިބިދީފައިވާ އެއްވެސް ބާރެއް އަރބަން ޑިވަލޮޕްމެންޓްގެ ބިލު އޮތްގޮތުން ނިގުޅައިނުގަނެވޭނެ. ލާމަރުކަޒީ ޤާނޫނުން ލިބިދޭ ހުރިހާ ބާރަކާއި ޙައްޤެއް މި ބިލު ތަސްދިޤުވުމާއެކުވެސް ކައުންސިލްތަކަށް ކަށަވަރުވާނެ." މެންބަރު ޟަމީރު ވިދާޅުވިއެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު ސެޕްޓެމްބަރު މަހު ތަސްދީގުކުރައްވާފައިވާއިރު ޢަމަލުކުރަން ފަށާނީ ހަމަސް ދުވަސް ފަހުންނެވެ. އަދި އަރބަން ޑިވަލޮޕްމެންޓްގެ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ވަނީ މިއަހަރުގެ ވަރަށް ކުރީކޮޅު ފަށްޓަވާފައެވެ. އެކަމާ ގުޅޭ ބިލު މިހާރު ދަނީ ކޮމިޓިގައި ދިރާސަކުރަމުންނެވެ. މި ޤާނޫނުތައް ހެދުމުގެ މަޤުޞަދަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ގޮތަށް ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުމާއި ދެމެހެއްޓެނިވި ރަނގަޅު ޕްލޭނަކާއެކު އަރބަން ސެންޓަރުތަކެއް ޤާއިމްކުރުމެވެ.