ޚަބަރު

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނަން: އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު


  • މަޖިލީހުގައި ބައެއް މަސައްކަތްތައް ލަސްވާތީކަމަށް ތުހުމަތުކުރެއްވި

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތަކުގައި ދެމިތިބޭނެކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރު ވަނީ މަޖިލީހުގައި ކުރަންޖެހޭ ރައްޔިތުންނާ ގުޅުންހުރި ބައެއް މަސައްކަތްތައް ލަސްވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެ މަސައްކަތްތައް އަވަސްކުރެވޭނީ ސަރުކާރު ނިސްބަތްވާ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ އެއްބާރުލުމާއެކުގައިކަމަށް މަޢުރޫފް ޛާކިރު ވިދާޅުވިއެވެ.

"މަޖިލީހުގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. އަދި ސަރުކާރު ޖަވާބުދާރީކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަޤީންކަން ދެން." މެންބަރު ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑާރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްވެސް ވަނީ މަޖިލީހުގައި ބައެއް މަސައްކަތްތައް ލަސްވާކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނާޒިލް މިހެން ވިދާޅުވެފައިވާއިރު، 20ވަނަ ރައްޔިތުންގެ ނިމިދިޔަ ދައުރަކީ މިހާތަނަށް އެއް ދައުރުގައި އެންމެ ގިނަ ބިލު މަޖިލީހަށް ހުށައަޅައި ފާސްކޮށްފައިވާ ދައުރުކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށައެޅި 23 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތް ނިންމާފައިވެއެވެ. އަދި ރިޔާސަތުން ހުށަހެޅުއްވި 13 މައްސަލައަކާއި، ސަރުކާރުން ހުށަހެޅި ނުވަ މައްސަލައަކާއި، ކުއްލި މައްސަލައެއްވެސް ނިންމާފައިވެއެވެ. ނިމިދިޔަ ދައުރުގައި މުޅި ޖުމްލަ 82.9 އިންސައްތަ މަސައްކަތް ނިންމާފައިވާކަމަށް މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.