ޚަބަރު

ހުޅުމާލޭގެ ފަރަށް އެރި ދެ އުޅަނދެއް 29 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި


  • ދެ އުޅަނދެއް ހުޅުމާލޭގެ އުތުރުފަރާތުން ފަރަށް އަރާފައިވަނީ ފެބްރުއަރީމަހު

  • ސަރވޭއިން ދައްކާގޮތުން ފަރުގެ 1159 އަކަ މީޓަރުގެ ސަރަހައްދަށް ގެއްލުންވެފައިވޭ

ހުޅުމާލޭގެ ފަރަށް އެރި ދެ އުޅަނދެއްގެ 29 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވީ ޖޫރިމަނާކޮށްފައިވަނީ، ޓަގު އަނާޑީ އަދި ބާޖު އޭއެމް މަނިއުމިޓް ނަމަކަށްކިޔާ ދެ އުޅަނދުކަމަށެވެ. އެ ދެއުޅަނދު ހުޅުމާލޭގެ އުތުރުފަރާތުން ފަރަށް އަރާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވީ، ފަރުން ދެ އުޅަނދު ނެގުމަށްފަހު ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން ސަރވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވޭޔަރުންނާއި އެޖެންސީގެ ސަރވޭޔަރުންނާއެކުކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ.

އީޕީއޭއިން ވިދާޅުވީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ހެދި ސަރވޭއިން ދައްކާގޮތުން ފަރުގެ 1159 އަކަ މީޓަރުގެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އެހެންކަމުން ފަރަށް ލިބުނު ގެއްލުމަށް ރިޢާޔަތްކޮށް 29,201,946 ރުފިޔާއިން އެ ދެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ޖުރިމަނާކުރުމަށް ނިންމާފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މީގެކުރިންވެސް ހަމަ ދި މިޑްލް އީސްޓް މެރިން އެލްއެލްސީގެ ޓަގަކާއި ބާޖެއް ދިޔަނެރު ފަޅަށް އަރައިގެން ޖޫރިމަނާކޮށްފައިވެއެވެ.

ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ޖޫރިމަނާ ކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ.